ލިބޭ ހުސްވަޤުތުގެ ބޭނުން ހެޔޮގޮތުގަ ހިފާ މީހަކަށް ސުވަރުގެ ލިބުން ބޮޑުތަނުން ގާތްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ލިބޭ ހުސްވަޤުތުގެ ބޭނުން ހެޔޮގޮތުގަ ހިފާ މީހަކަށް ސުވަރުގެ ލިބުން ބޮޑުތަނުން ގާތްވާނެ! އިން ޝާ ﷲ

ދިރިއުޅެން މަސައްކަތްކުރަމުން ގެންދާއިރު އަޅުކަމުގައި މިސްކިތުގައި ނުވަތަ މުސައްލަ މަތީގައި އިންނާނެ މާގިނަ ވަޤުތު ނުލިބިދާނެއެވެ. އެކަން އެގޮތަށް މެދުވެރިވާނެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ޘަވާބު ލިބިގަނެވޭނެ ގޮތާއި އަދި ލިބޭ ހުސްވަޤުތުތަކުގައި ޘަވާބް ލިބިގަނެވޭނެ މަގު ﷲ ތަޢާލާ ވަނީ ފަހިކޮށް ދެއްވަވައެވެ.

އަދި އެކަމަށް އެދިގެން މާބޮޑު މަސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. ލިބޭ ހުސްވަޤުތުތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ކުދިކުދި ނަމަވެސް ޛިކުރުތައް ކިޔުމާއި އަދި ކީރިތި ޤުރްއާނުން ކިތަންމެ ކުރު ސޫރަތެއް ނަމަވެސް ކިޔައލުމަކީ ނުހަނު ފަސޭހައިން ކުރެވެންހުރި ކަންކަމެވެ. ލިބޭ ހުސްވަޤުތުތަކުގެ ބޭނުން މިފަދައިން ހިފާނަމަ ކޮންމެ ދުވަހަކު އެމީހަކަށް ދެއްވަވާނެ ޘަވާބުގެ ގިނަ ކަމާއިމެދު ނިކަން ވިސްނާލަބަލާށެވެ!

މީސްތަކުން އެންމެ އަގުބޮޑު އެއްޗެއްގެ ގޮތުގައި ދެކެނީ ފައިސާއެވެ. ފައިސާއަކީ ގެއްލިއްޖެނަމަ އަލުން މަސައްކަތްކޮށްގެން ހޯދިދާނެ އެއްޗެކެވެ. ނަމަވެސް ގެއްލިއްޖެ ނުވަތަ ބޭކާރުގޮތުގައި ނަގައިލެވިއްޖެ އެންމެ ހިނދުކޮޅެއްވެސް އަނބުރައި ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. ވީމާ ފައިސާއަށްވުރެ ވަޤުތުގެ އަގު މާބޮޑެވެ.

މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކޮށްފައިވާ ލިޔުމެއްގައިވެއެވެ.

ދަރިފުޅާއެވެ! ބޭކާރު ގޮތުގައި ވަގުތު ތައް ދުއްވާނުލާށެވެ. "ޓައިމް އިޒް މަނީ" އެވެ އިނގިރޭސި ހަރުބަހެއްގައި އޮވެއެވެ. އެއިގެ މާނައަކީ ކުރަން ހުރި ކަމެއް އަވަހަށް ކުރާށެވެ. ވަޤުތަކީ އަގުހުރި އެއްޗެކެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނީ ލިބިފައިވާ ވަގުތުގައެވެ. ވަގުތު ފާއިތުވުމުން ފައިސާ ހޯދުމަށްވެސް މަސައްކަތެއް ނުކުރެވޭނެއެވެ.

މުސްލިމުންނަށް ވަޤުތު މުހިންމުވަނީ ލިބެންހުރި ފައިސާއަށްވުރެ ބޮޑަށެވެ ! އުމުރުގައި ލިބިހުރި ވަގުތުގައި ހެޔޮ އަމަލު ނުކުރެވިދާނެތީއެވެ.!

ހަދީޘް ބަސްފުޅެއްގައިވަނީމިފަދައިންނެވެ. "ފަތިސްނަމާދުގެ ސުންނަތް 2 ރަކްއަތް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މާތްވެގެންވެއެވެ. ހެޔޮވެގެންވެއެވެ."

އެގޮތުން الله ގެ އަޅާއަށް އެ 2 ރަކުއަތް ކޮށްލުމުގެ އަގު މާބޮޑެވެ. އަދި އޭނާއަށް އެވަގުތު މުހިންމުވެގެން ދާނީ އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. އަދި އޭނާގެ ކަންބޮޑުވުމެއްކަމުގައިވާނީ އޭނައަށް ލިބިފައިވާ ވަގުތު ބޭކާރުވެދާނެތީއެވެ. "

އަދިވެސް އެހެންބަސް ފުޅެއްގައި ވެއެވެ. "ޤިޔާމަތްދުވަހުން އިންސާނާ އެކަމާ ރޮއި ހިތާމަ ކުރާނެ ކަމެއްކަމުގައިވާނީ ދުނިޔޭގައި އޭނައަށް އެކު އެޅެވުނު ނުބައި އެކުވެރިންނާއި މެދުގައާއި އަދި ބޭކާރު ކުރެވިފައިވާ ވަގުތާއި މެދުގައެވެ."

އަދިވެސް އެހެންބަސްފުޅެއްގައި ވަނީ 5 ކަމެއް ނެތިވުމުގެ ކުރިން 5 ކަމެއް ލިބިގަންނާށެވެ.

"ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

 

މިއަދު އޮންލައިން