ވުޟޫކޮށްގެން ނަމާދުކުރަން ނުވަތަ އެނޫންވެސް އަޅުކަމެއް ކުރަން ފަށަން ތައްޔާރުވެލާއިރަށް ގައިގެ ކޮންމެވެސް ތަނެއްގައި ކޮންމެވެސް ބާވަތެއްގެ ނަޖިހެއް އުނގުޅުމުގެ މައްސަލަ ކުރިމަތިވެއެވެ. މި ހާލަތުގައި އޭނާގެ ވުޟޫ ޞައްހަވާނެތޯ؟ ނަމާދުކުރެވޭނެތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ.
ޥުޟޫކޮށްގެން ހުރިމީހެއްގެ ގައިގައި ނަޖިހެއް ހޭކުނު ނަމަވެސް އެމީހާގެ ޥުޟޫއެއް ނުގެއްލޭނެއެވެ. ސަބަބަކީ ބޭރުން ނަޖިހެއް ހޭކުމަކީ ޥުޟޫ ގެއްލޭ ކަމެއްކަމުގައި ޝަރީޢަތުގައި އައިސްފައި ނުވާތީއެވެ.
ނަމަވެސް ނަޖިސް ފިލުވާލުމަކީ އެހެނިހެން ދަލީލުތަކުން އަމުރު ކުރައްވާފައިވާ ކަމަކަށްވާތީ ނަޖިސްފިލުވާލާން ޖެހޭނެއެވެ. އިސްލާމްދީނުގައި އަޅުކަމުގެ ގޮތުގައި ޚާއްޞަވެގެންވާ ކަންކަމުގައި ކުރުމަށާއި، އެކަމެއް ބާތިލް ކުރުމަށްވެސް ޚާއްޞަ ދަލީލެއް އޮންނަން ޖެހެއެވެ. ދަލީލެއް ނެތްނަމަ އެކަމެއް ދީނުގައި ނުހިމެނޭނެ އެވެ.
ވީމާ ވުޟޫމަތީގައި ހުއްޓައި ގައިގައި ނަޖިހެއް އުނގުޅުނު ނަމަވެސް އޭނާގެ ވުޟޫ ޞައްޙަވާނެއެވެ. އޮތީ އަވަހަށް ނަޖިސްފިލުވައިލުމެވެ.
-އިސްލާމީ ތިލަފަތުގެ ދަރުސަކުން