ބޮންޑެޑް ވެއާހައުސްގެ ދެތަނަކުން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރުމުގެ މައްސަލަ ތަޙުޤީޤު ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބޮންޑެޑް ވެއާހައުސްގެ ދެތަނަކުން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރުމުގެ މައްސަލަ ތަޙުޤީޤު ކުރަނީ

ބޮންޑެޑް ވެއަރހައުސްގެ ދެތެނަކުން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރެފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއަރހައުސްއިން ޖުމްލަ 575 ކޭސް ސިނގިރޭޓު ގަވާއިދާ ޚިލާފަށް ނެރެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ޔެލޯ ކެމަލް ބްރޭންޑްގެ 165 ކޭސް، އެމެރިކަން ލެގެންޑް ބްރޭންޑްގެ 110 ކޭސް އަދި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް ހިމެނެއެވެ.

މީގެއިތުރުން އެސްޖީއެމް ބޮންޑެޑް ވެއަރހައުސްއިން އެމެރިކަން ލެގެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރެޓާއި އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ވެސް ވަނީ ގަވާއިދާ ޚިލާފަށް ނެރެފައިކަން ފާހަގަކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މި ދެ ވެއަރހައުސްގެ ރަޖިސްޓްރީ ވަނީ ބާތިލުކުރެވިފައެވެ. އަދި މުދަލަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިފައެވެ.

މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭނެ ގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބޮންޑެޑް ވެއަރހައުސް ނުހެދޭނެ ގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިއަދު އޮންލައިން