ޤުރްޢާން ކިޔެވިނަމަވެސް ޝިފާ އެކަމުން ލިބުންވަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ތިބޭ ބައަކަށެވެ. އުންމީދުކަނޑާނުލައި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުންމަތީގައި ތިބޭ މީހުންނަށެވެ.
ޤުރްއާނަކީ ބޭހާ ރުޤްޔާއިން އަދި އެނޫން ކަންކަމުންވެސް ޝިފާ ނުލިބޭ ބަލިތަކަށްވެސް ޝިފާއެކެވެ. އަދި ހުރިހާ ފަރުވާއެއް ކުރަމުންވެސް ކުރަން އޮތް ކަމެކެވެ. ކޮންމެ ފަރުވާއެއް ކުރަމުންވެސް ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެއެވެ.
މީގެ މާނައަކީ ޝިފާއަށް އެދިގެން ޤުރްއާން ކިޔަވަމުންދަނިކޮށް މަރުނުވާނެ ކަމަކަށް ބުނުމެއް ނޫނެވެ. ޢުމުރު ހަމަވުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ. ނަމަވެސް ރަޙްމަތް ލެއްވެވުން ކަމަށް ބުނެވެނީ ަމރުނުވުމެއް ނޫނެވެ. ބަލިން އެމީހަކަށް ލިބޭ އުނދަގޫތައް ކުޑަވުމަށެވެ. ހިތްހަމަޖެހުން ލިބުމަށެވެ. ހިތްވަރު ލިބުމަށެވެ. ޚާއްޞަކޮށް އެމީހެއްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުމަށެވެ.
"---ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާ އެއްވެސްމެއެވެ.—" (ފުއްސިލަތް: 44)
"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވެނީ މި ވަޙީ ބަސްފުޅާއި އެހެންވެސް އެތައް އާޔަތަކުން އެކަން އެނގޭތީއެވެ.
ކީރިތި ޤުރްއާނަކީ ހުރިހާ ބަލިތަކަށްވެސް އޮތް ޝިފާއެކެވެ. ހިތަށް ކުރިމަތިވާ ހުރިހާ މައްސަލަތަކަށްވެސް އޮތް އެންމެ ބޮޑު ފަރުވާއެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ބޮޑު ބައިވެރިޔާއެވެ. އަދި މިކަންކަމަކީ އިތުރަށް ތަޖުރިބާކުރަންޖެހޭ ކަންކަމެއް ނޫނެވެ. ތަޖުރިބާކޮށް ނިމިފައިވާ އަދި މިހާރުވެސް ތަޖުރިބާކުރެވެމުންދާ އެންމެ ބޮޑު ޙަޤީޤަތެވެ.
ބައެއް މީހުން ކުރާ ސުވާލެކެވެ. "އެހެންވީއިރު ޤުރްއާން ކިޔެވީމާ ބަލިފަސޭހަ ނުވަނީ ކީއްވެގެންތޯ؟" އެވެ. އެމީހުންނާއި އަހުރެން ކުރަންބޭނުންވާ ސުވާލަކީ ބޭސްކެއުމުން ނުވަތަ ބުއިމުން ބަލި ފަސޭހަ ނުވަނީ ކީއްވެގެންހެއްޔެވެ؟ އެއީ ބޭހަކީ ފަރުވާއަކަށް ނުވާތީ ހެއްޔެވެ؟
މިފަދަ ސުވާލުކުރާ މީހުންނަށް ޖަވާބުދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "ކޮންމެ ކަމަކަށް އެދިގެންވެސް ޤުރްޢާން ކިޔަވާށެވެ. ބަލިން ޝިފާ ލިބުން އެދިގެންވެސް ކިޔަވާށެވެ. ޔަޤީންކަމަކީ އެމީހަކުގެ ބަލި ފަސޭހަ ނުވިނަމަވެސް ހިތްހަމަޖެހުން ލިބޭނެ ކަމެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވޭ ބަހުގެ މާނައާއިމެދު ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ކީރިތި ޤުރްއާނަކީ ޝިފާއެކޭ ބުނާބުނުމުގެ މާނައަކީ: ކީރިތި ޤުރްއާނަކީ ޝައްކާއި ވަހުމްތަކާއި، ޝިރުކާއި މުނާފިޤުކަމާއި، ޝަހަވާތުގެ ބައްޔާއި މިނޫންވެސް ރޫޙާނީ އެހެނިހެން ބަލިތަކާއި، މާއްދީ ބަލިތަކަށްވެސް އޮތް ފަރުވާއެއްކަމެވެ."
އަދިވެސް ވިސްނައިލާށެވެ! އެއްބައްޔެއްގައި އުޅެންޖެހިފައިވާ 2 މީހެކެވެ. 2 މީހުންވެސް ބޭސްކުރެއެވެ. އެތަނުން އެކަކު ޤުރްޢާން ކިޔާނަމަ އަދި 2 ވަނަ މީހާ ނުކިޔަވާނަމަ ދެމީހުންގެ ޙާލަތުގެ ތަފާތު ދެނެގަންނާށެވެ! މަދު ފަހަރަކު ނޫނީ ޤުރްޢާން ކިޔަވާ މީހާ ހުންނާނީ މާވަރުގަދަކޮށެވެ. މާގަދަ ހިތްވަރުގައެވެ.