އެއްވެސް މީހެއްގެ އިސްކޮޅަކީ އެމީހަކު އަމިއްލައަށް ލިބިގަންނަ އެއްޗެއް ނޫނެވެ. އިސްކޮޅުން ކުރު މީހުންނާއި ދިގު މީހުންވެސް އުފައްދަވަނީ ހަމަ ﷲ ތަޢާލާއެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލިގެންދަނީ އިސްކޮޅަކުން ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރިވަރަކުންނެވެ.
އިސްކޮޅުން ކުރުވެގެން މީހަކަށް ނުބައި ބަހެއް ބުނެވޭނަމަ އެކުރެވެނީ ފާފައެކެވެ. އަދި ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މީހެއްގެ އިސްކޮޅު ފަދަ އެމީހާ ﷲ ތަޢާލާ އުފެއްދެވި ސިފައަށް ފުރައްސާރަކުރެވޭނަމަ ފުރައްސާރައެކުރެވެނީ އެމީހަކަށް ނޫނެވެ. އޭނާ އުފެއްދެވި ﷲ ތަޢާލާއަށެވެ. ވީމާ އެކަން އެއީ ކުޑަ ފާފައަކަށްވާނެ ކަމަށް ހީނުކުރާށެވެ!
ހަމައެއާއިއެކު އިސްކޮޅު ކުރު މީހުން ދިގުމީހުންނާއި ކައިވެނިވެސް ކުރެއެވެ. އުފަލުގައި ދިރިއުޅެއެވެ. އަދި ަމސައްކަތްކޮށްގެން ރަނގަޅު އާމްދަނީވެސް ހޯދައެވެ. ނުހަނު ތަޤްވާވެރިކަމާއިއެކު ޙަޔާތް ވޭތިކުރެއެވެ.
އަހުރެން މިވާހަކަ ފާހަގަމިކުރަނީ ކުރު މީހުންނަށް ވަނަން ހަދައިގެން ކިޔާ ބައަކުވެސް އުޅޭތީ އާއި އަދި އެމީހުންނަކީ މާދަށުދަރަޖައިގެ ބައަކު ކަމަށް ބައެއް މީހުން ދެކޭތީ އެވެ. އެފަދަ ކަންކަން ނުކުރާށެވެ! ކުރާނަމަ ކުރިން މިބުނި މަގުން ފާފަވެރިވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
އިންސާނުންނަށް އިސްކޮޅު ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އެކަމުގެ މައްޗަކަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގެއެވެ. ނުވެސް ހިންގޭނެއެވެ. ވީމާ ތިމާ އިސްކޮޅުން ދިގުވެގެން ނުވަތަ ކުރުވެގެން ކަންބޮޑުވުމެއް ނެތެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ސައިޒުގައެވެ.
މީހުންގެ ގައިގެ ކުލަތަފާތުވުމާއި ފަލަމިނާއި އިސްކޮޅު ތަފާތުވުމާއި އެހެނިހެން ތަފާތުވުން ތަކަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. މީސްތަކުންނަށް އޮތީ ވިސްނައި ޢިބްރަތް ޙާޞިލުކުރުމެވެ.
ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ދިގު މީހާއަކީ ތުރުކީއަށް ނިޞްބަތްވާ، ޢުމުރުން 38 އަހަރުގެ މީހެކެވެ. އޭނާގެ އިސްކޮޅަކީ 9 ފޫޓު 4 އިންޗިއެވެ. ދުނިޔޭގައި އެންމެ އިސްކޮޅުން ކުރު މީހާއަކީ އިންޑިއާއަށް ނިޞްބަތްވާ، ޢުމުރުން 22 އަހަރުގެ އަންހެނެކެވެ. އޭނާގެ އިސްކޮޅަކީ 1 ފޫޓު 4 އިންޗިއެވެ.