ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ޤައުމުގައި ހިނގި އެކި ހާދިސާތަކުގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި މޫދަށް ވެއްޓުނު މީހަކު ސަލާމަތްކުރުމާއި، ކުންފުނީގެ ޕްރޮޕަޓީތަކަށް ވަގަށް ވަންނަން އުޅުނު މީހުންނާ ކުރިމަތިލުން ހިމެނެއެވެ.

"އަޅުގަނޑުމެން ބަލާލިއިރު މި ކަންކަމުގައި އިސްނެގި މުވައްޒަފުންނަކީ އެމްއެންޑީއެފްގެ ބޭކަލުން ކުރިން ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުވައްޒަފުންކަން ފާހަގަކުރެވުނު،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މަޤްޞަދަކީ ކުންފުނީގައި އިޚްލާޞްތެރި، ވަފާތެރި އަދި ހިތްވަރާއެކު މަސައްކަތްކުރާނެ ވަރުގަދا ޓީމެއް އުފެއްދުމެވެ. އަދި މި ތަމްރީނު ޕްރޮގްރާމްތަކަކީ ކުންފުނީގެ ތަޞައްވުރާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ މަސައްކަތުގެ މާޙައުލަށާއި، ޤައުމަށް ޚިދުމަތްކުރުމަށާއި، އަދި އަމިއްލަ އާއިލީ ދިރިއުޅުމަށްވެސް ފައިދާކުރާނެ ޕްރޮގްރާމްތަކެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފަެވެ.

 

މިއަދު އޮންލައިން