އެންމެ ލޯބިވި މީހާއާއި ކައިވެނިކުރަން ހުރިހާ ކަމެއް ނިންމާފަހުން އެންމެ ފަހު ވަޤުތު ކައިވެނި ނުކުރެވުނަސް ދެރަވެގެން ނުވާނެ! އެކަންވާނީ ލެއްވެވި މާބޮޑު ރަޙްމަތަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެންމެ ލޯބިވި މީހާއާއި ކައިވެނިކުރަން ހުރިހާ ކަމެއް ނިންމާފަހުން އެންމެ ފަހު ވަޤުތު ކައިވެނި ނުކުރެވުނަސް ދެރަވެގެން ނުވާނެ! އެކަންވާނީ ލެއްވެވި މާބޮޑު ރަޙްމަތަކަށް!: މުފްތީ މެންކް

ލޮބުވެތި އެކުވެރިންނޭވެ! އަހުރެން ފުރަތަމަ މިޘާލެއް ބުނެދޭނަމެވެ. ހަނދާންވާ ގޮތުގައި އެއީ ކެންޏާއަށް ދަތުރުކުރަން އޮތް ފްލައިޓެކެވެ. ފްލައިޓް "ކްލޯޒްކުރިތަނާ ދުވަމުން އައި މީހަކަށް ފްލައިޓަށް އެރުމުގެ ފުރުޞަތު ނުދިނުމުން (ފްލައިޓް ކްލޯޒްކޮށްފައިވާތީ ޗެކިންކޮށް ނުދިނީމަ) އެއާލައިންގެ މުވައްޒިފުންނަށް އޭނާ ނުބުނާ ނުބައި ބަހެއް ނެތެވެ.  

ނަމަވެސް ދަތުރަށް ފެށިތަނުން ފްލައިޓް ގޮވައި ދަތުރުކުރި އެންމެން އެކުގައި މަރުވުމުން އޭނާ ﷲ ޙަމްދުކުރިއެވެ. އެއީ އެއެންމެން މަރުވީތީއެއް ނޫނެވެ. ފްލައިޓުގައި އޭނާއަށް ދަތުރުކުރެވޭ ގޮތް ނުވީތީއެވެ.  

ދެން މިޖެހިލަނީ މިރޭގެ މައުޟޫއަށެވެ. ކައިވެނިކުރަން ހުރިހާ ތައްޔާރީތަކެއްވާފަހުން އެންމެ ފަހު ވަޤުތުގައިވެސް ކޮންމެވެސް ސަބަބެއް ކުރިމަތިވެ ކައިވެނި ނުކުރެވޭނެ ގޮތް އެބަ މެދުވެރިވެއެވެ. އެޙާލަތުގައި ގިނަ ބައަކު ކަންބޮޑުވެއެވެ. އެހައި ބޮޑަށް ލޯބިވެ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނިނުކުރެވުނީތީއެވެ. އެހެންވެ އެއްވެސް ޙާލަތެއްގައި މުސްލިމަކު ބުނެގެން ނުވާނެ ނުބައި ބަސްތައް ބުނެވެއެވެ. މައްޗަށް ގެންދަމުން ގޮސް ﷲ ތަޢާލާގެ މިންވަރުފުޅު ކުށްވެރިކުރާހިސާބަށް ކަންކަން ކުރެއެވެ. މާނައަކީ އެހައިވެސް ނުބައިކަންބޮޑު ބަސްތައް ބުނެވެއެވެ.  

މިއީ ހަމައެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނިކުރީ އަނެކާގެ ނުބައިކަމުން އޭނާކަމަށްވީނަމަވެސް އޭނާވެސް ކުށްވެރި ނުކުރާށެވެ! ޤަބޫލުކުރަންވީ ﷲ ތަޢާލާ ތިމާ އެ ސަލާމަތް ކުރެއްވެވީ އޭނާއާއި ކައިވެނިކުރެވުނުނަމަ ތިމާއަށް ލިބެން އޮތް ބޮޑު ދެރައިން ކަމެވެ. ކުރިމަތިވާނެ ހިތްދަތިކަމުން ކަމެވެ. 

މިމަގުން ﷲ ތަޢާލާއަށް ވަކީލްކުރާ އަޅަކަށް ކުރިމަތިވާ ކޮންމެ ކަމަކުންވެސް ﷲ ތަޢާލާ އެމީހަކު ސަލާމަތްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ. ސަބަބަކީ ވަކީލްކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ.

މިނަޞޭޙަތް އެކި ޢިބާރާތުން ވަރަށް ގިނައިން ދެމެވެ. ސަބަބަކީ މިވަރަށް ވިސްނައިދޭއިރުވެސް މިކަންކަމަށް ގިނަ ބައަކު ނުވިސްނައި މާޔޫސްކަމުގެ ތެރެއަށް ވަންނާތީއެވެ. އެންމެ ބޮޑަށް ލޯބިވި މީހާއާއި ކައިވެނި ނުކުރެވުމަކީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ދެރަކަމަށް ޤަބޫލުކުރާ މީހުން ގިނަވީމައެވެ. އެވިސްނުމަކީ ހަމަ މުޅިން ބާޠިލްވިސްނުމެކެވެ. ވީމާ މިބުނި ފަދައިން އެންމެ ފަހު ވަޤުތު އެފަދަ ކަމެއް މެދުވެރިވިނަމަވެސް ދެރަނުވެ އުފާކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން