ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ވަޢުދުތަކަކާއިއެކުގައެވެ. އެވަޢުދުތައް ދަމަހައްޓާނެ ކަމަށް ހުވާވެސް ކުރަމުންނެވެ. މުސްލިމުން ހުވާކުރަނީ ﷲ ގަންދީއެވެ. ވީމާ ވަޢުދުތައް އުވާލުމަކީ ހުވާ މުގުރައިލުމެވެ. އެއީ ކުޑަ ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! އެއީ ބިރުހުރި ކަމެކެވެ. ކުރަން އެންމެ ބިރުހުރި އެއްކަންތަކެވެ. ނަމަވެސް ގިނަބައަކަށް ނުވެސް ވިސްނެނީއެވެ.
ބުނަންހެއްޔެވެ؟ ކޮންމެ މީހަކު ނަމަވެސް ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް ބޭވަފާތެރިވެ ހިތުގައި ޖައްސުވައި އަނިޔާވެރިވަމުން ގެންދާއިރުވެސް ހަޔާތުގެ ބައިވެރިޔާ ތިބާއަށް މާފުކޮށް ކެތްތެރިވެގެން ހުންނަކަން އެއީ އެއްވެސް ޙާލެއްގައި ﷲ ތައާލާ ތިބާ އާއިމެދު ރުހިވޮޑިގަންނަވާ ކަމުގެ ދަލީލެއް ނޫނެވެ.
އަދި ކީއްހެއްޔެވެ؟ ތިބާކުރާ ހުރިހާ ޢަމަލުތަކެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. ގެންދަވާނީވެސް ބައްލަވައިވޮޑިގަންނަވަމުންނެވެ. ވީމާ ޒަވާޖީ ޙަޔާތުގައި އެކުގައި ދިރިއުޅެމުން ގެންދާއިރު ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. އަނެކާގެ ހިތަށް އަނިޔާލިބޭ ފަދަ ޢަމަލުތައް ނުކުރާށެވެ.
އެއްވެސް ޙާލެއްގައި އަނިޔާވެރިވަނީ ވަކިމީހަކުކަމަށްބުނާކަށް ނެތީމެވެ. ބައިވެރިޔާގެ ހިތުގައި ޖައްސުވައި އަނިޔާވެރިވަނީ ހަމައެކަނި ފިރިމީހާއެއް ނޫނެވެ. އަނބިންވެސް އެކަންކަން ކުރެއެވެ. ވީމާ އަހުރެންގެ ބަސްތައް އަމާޒުމިކުރަނީ 2 މީހުންނަށެވެ. ޔަޤީންކުރަންވީ ކަމަކީ އެއްވެސް މީހެއްގެ ހިތުގައި ޖެއްސުވުމަކީ އަނިޔާވެރިވުމަކީ އެއްވެސް މީހަކަށް ކުރުނަ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ. އެހެންވީމާ އެކަންކަމަކީ ހަމަ ދެމަފިރިންގެ ތެރެއިން އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
އަނިޔާވެރިވަނީ ކޮންމެ މީހަކު ނަމަވެސް އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތެވެ. ﷲ ތަޢާލާގެ ކޯފާ އައިސް އެމީހަކާއި އަރައިހަމަކުރާނެތެވެ! ބޮޑެތި ގެއްލުންތައް ލިބެން ފަށާނެތެވެ. މުސްތަޤްބަލަސް ހުރަސްތައް އެޅެން ފަށާނެތެވެ. އަތްމަތި ދަތިވުމާއި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އައިސް އަރައި ހަމަކުރާނެތެވެ. އެކިމީހުންނަށް ކުރިމަތިލާންޖެހޭނީ އެކި ކަންކަމަށެވެ.
އޮތް ހަމައެކަނި ޙައްލަކީ ތެދުވެރިވެ އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ދެމީހުނޖް ގުޅިގެން ލޯބިން ދިރިއުޅެން މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އުފާވެރިކަމުގައި ދިރިއުޅެވޭނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން