ތިމާއަށް ތަނަވަސްކަން އިތުރުވެ ހެޔޮގޮތްތައް މެދުވެރިވުމަށް އެދޭނަމަ އެެހން މީހުން ދެކެ ލޯބިވެ، އެހީތެރިވެ އަދި ހެޔޮދުޢާކުރަން އޮންނަ ފަދައިން ތިމާގެ ދަރިންނަށް ރަނގަޅު ގޮތްތައް މިންވަރު ކުރެއްވެވުމަށް އެދޭމީހާއަށް އޮތީ އެހެން މީހުންގެ ދަރިންނާއިމެދުވެސް ވީހާ ރަނގަޅަކަށް ކަންތައް ކުރުމެވެ.
ކުޑަކުދިން ތޮޅޭނެއެވެ. ކުދިންގެ މެދުގައި ކަންކަންވެސް ހިނގާނެއެވެ. ނަމަވެސް ރުޅި އިސްނުކުރާށެވެ! ތިބާގެ ދަރިފުޅަށް މާދަމާ ކުރިމަތިވާ ކަމަކުން ތިބާގެ ދަރިފުޅު ސަލާމަތްކޮށްދޭނީ މިއަދު ތޮޅުނު ކުއްޖާ ކަމުގައިވެފައި އޮންނަނީވެސް މަދަކުން ނޫނެވެ.
ވަރަށް މުހިންމު އެއްކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެހެން މީހުންގެ ދަރިންނަށް ރުޅި އައިސް ނުބައިބަސްތައް ނުބުނާށެވެ. އެކުދިންނަށް އަނިޔާވެރިނުވާށެވެ. ތިބާއަށްވެސް ދަރިން ދެއްވަވާނެކަން ނުވަތަ މިހާރުވެސް ތިބާގެވެސް ދަރިން އެބަތިބިކަން ހަނދާންކުރާށެވެ.
ތިބާ އެހެން މީހެއްގެ ދަރިއަކަށް ކޮށްފައި އޮންނަ ނުބައިކަމެއްގެ ސަބަބުން ތިބާގެ ދަރިފުޅަށް ﷲ ތަޢާލާ އެފަދަ ގޮތެއް މެދުވެރިކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ. އަހަރެމެންގެ ދަރިންނަށް ކަންކަން މެދުވެރިވުމުން އެކަމުގެ ސަބަބު އަހަރެމެންނަކަށް ނުއެނގެއެވެ. ނަމަވެސް އެނގުނިއިރު އެއީ ތިބާގެ ސަބަބުން މެދުވެރިވީ ކަމެއްކަން އެނގިއްޖެނަމަ އެކަމަށް ހިތާމަނުކުރާނަން ހެއްޔެވެ؟
ދަރިންނަކީ ﷲ ތަޢާލާގެ އަމާނާތެކެވެ. ދަރިންގެ ޙައްޤުތަކަށް ރައްކައުތެރިވާން ޖެހެނީ އެހެންވެގެންނެވެ. އެކަންކުރުމުގައި އެހެން މީހެއްގެ ދަރިއަކަށްވުމަކުން އިސްތިސްނާއެއް ނުވެއެވެ. އޮތީ އެހެން މީހުންގެ ދަރިންނަށްވެސް ހެޔޮކޮށް ހިތުމެވެ.
އެހެން މީހުންގެ ދަރިންނަށް އަޅާލައި ލޯބިދީ ހެޔޮކޮށް ހިތުމަކީ ތިބާއަށް ރަޙްމަތް ލައްވަވައި އަދި އެކަމުގެ ސަބަބުން ތިބާގެ ދަރިންނަށް ބަރަކާތް ލައްވަވާ ކަމެކެވެ. ވީމާ ތިބާގެ ދަރިންނަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭމީހާ އެހެން މީހުންގެ ދަރިންނަށް ހެޔޮކޮށް ހިތާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން