أبو هريرة رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މީސްތަކުންކުރެ އެންމެ ދަހި ބަޚީލު މީހަކީ، ސަލާމްގޮވާލުމަށް ދަހިވެތިވާ މީހާއެވެ. އަދި މީސްތަކުންކުރެ، އެންމެ ނުކުޅެދުންތެރިޔަކީ ދުޢާކޮށްއުޅުމަށް ނުކުޅެދިގެންވާ މީހާއެވެ."
ވިސްނައިލާށެވެ! ބައްދަލުވުމުން ސަލާމް ގޮވައިލުމަކީ ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެއްޔެވެ؟ އެކަމަކީ ކުރަން ސުންނަތުގައި އޮތް ކަމެއް ނަމަވެސް މީސްތަކުންގެ މެދުގައި ސަލާމްގޮވުން ދަނީ ނެތެމުންނެވެ. އެކުވެރިއަކާއި ބައްދަލުވިނަމަވެސް އައްސަލާމް ޢަލައިކުން ބުނެލަނީ ކިތައް މީހުން ހެއްޔެވެ؟
ގިނައިން އަޑު މިއިވެނީ " އޭއި! ހޭ!" ނޫނީ އަނެކާގެ ނަމުން ގޮވާއަޑެވެ. އަޅެ ފުރަތަމަ ކަމަކަށްވެސް "އައްސަލާމް ޢަލައިކުމް" ބުނެލައި ޘަވާބު ލިބިނުގަނެ އުޅެން ހެޔޮވެދާނެ ހެއްޔެވެ؟ ބައްދަލުވާ މީހުންނަށް ސަލާމް ގޮވިނަމަވެސް ކޮންމެ ދުވަހަކު ޖަމާކުރެވޭނެ ޘަވާބާއިމެދު ވިސްނައިލާށެވެ.
ދެން އަބޫ ހުރައިރަތުގެފާނު ފާހަގަކުރައްވަޥާފައި އެވަނީ ކަމެއް ޖެހިގެން ނޫނީ ދުޢާނުކުރަންތިބޭ މީހުންގެ ކަމަށްވުން ގާތެވެ. އެހެނީ ކަމެއް ޖެހުނީމާ ކޮންމެ މީހަކުވެސް ދުޢާކުރާނެތީއެވެ.
އަހުރެމެންގެ ނިކަމެތިކަން ބަޔާންކުރަންވެސް އެންމެ ގިނައިން ކުރަން އޮތް އެއް ކަމަކީ ދުޢާކުރުން ގިނަކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން