މުވައްޒިފުން ގެންގުޅުމުގެ ފުރުޞަތު ލިބޭނީ ތަނަވަސްކަން ހުރުމުންނެވެ. ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ތަނަވަސްކަން ލިބުމުން ފުރަތަމަކަމަކަށްވެސް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ގެންގުޅޭ މުވައްޒިފުންނަށް ހެޔޮކޮށް ހިތުމާއި ބަރާބަރަށް އުޖޫރަދިނުން ވަނީ ޝުކުރުވެރިވުމުގެ ތެރެއިންނެވެ.
މުވައްޒިފުން ގެންގުޅުމުގެ ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެހެނަސް މިހާރަކަށް އައިސް ގިނަ ބައަކު މުވައްޒިފުންނަށް މުސާރަދެނީވެސް އެމީހަކު ކުރަން ހުންނަ ކަންކަން ކުރެވި އިތުރުވުމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
މުވައްޒިފުންނަށް މުސާރަ ދިނުމަކުންވެސް ނުފުދެއެވެ. ކޮންމެ މުވައްޒިފަކީވެސް އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހެކެވެ. އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މިންވަރަކުން މުވައްޒިފުންނަށް އެހީތެރިވާންވެސް ޖެހޭނެއެވެ. އެހެނީ ކޮންމެ މީހަކަށްވެސް ތަނަވަސްކަން ދެއްވަވަނީ އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބައަކަށް ހެޔޮކޮށް ހިތައި އެހީތެރިވުމަށެވެ. އެއިގެ ތެރޭގައި އަނބިދަރިންނާއި ޢާއިލާގެ މީހުންނާއި މުވައްޒިފުންވެސް ހިމެނެއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.
" ތިއަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް އެއްޗެއް ބައިވެރި ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތާށެވެ. އަދި ގާތްތިމާގެ މީހުންނަށާއި، ޔަތީމުނަށާއި، މިސްކީނުންނަށާއި، ގާތްތިމާގެ އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްނިސާ: 36)
މިއާޔަތުގަ ވަނީ އަޅުންގެ ވާހަކައެވެ. ނަމަވެސް މިއަދަކު އަޅުންނެއް ނެތެވެ. ތިބީ އަޅުންފަދައި ތިމާއަށް ޚިދުމަތްކުރާ މުވައްޒިފުންނެވެ. ކުރަނީ އެއް މަސައްކަތެކެވެ. ސާޙިބުމީހާއަށް ފައިދާ އިތުރުކޮށްދޭން މަސައްކަތްކުރުމެވެ.
ﷲ އަށް އަޅުކަންކުރުމަށާއި ޝަރީކު ނުކުރަން އަންގަވާފައި ފަހަތުން އެވަނީ ހެޔޮކޮށްހތަންވީ މީހުންގެ ވާހަކައެވެ. އެއީ:
ގާތްތިމާގެ މީހުންނާއި،
ޔަތީމުންނާއި،
މިސްކީނުންނާއި،
ގާތްތިމާގެ އަވަށްޓެރިޔާ އާއި ދުރު އަވަށްޓެރިޔާއާއި
ކައިރި އެކުވެރިޔާޢާއި ދަތުރުވެރިޔާއާއި،
މިލްކުވެގެންވާ އަޅުންނެވެ.
އެއްވެސް މީހެއްގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ! ލިބޭވަރަކަށް ދަހިވެތިކަން އިތުރުވާނެއެވެ. ހަމައެހެންމެ ތިޖޫރީއެއްވެސް ނުފުރޭނެއެވެ. ކިތަންމެ ބޮޑު ތިޖޫރީއެއް ފުރުނު ނަމަވެސް ހަމަ ފުރޭއިރަށް ފުރުނު ތިޖޫރީއަށްވުރެ ބޮޑު އިތުރު ތިޖޫރީތައް ގަނެ އިތުރުކުރާނެއެވެ.
ވީމާ ހިތްފުރި، ތިޖުރީ ފުރެންދެން ހެޔޮކޮށް ހިތަން މަޑުނުކުރާށެވެ! ތިޖޫރީ ހުސްވި ނަމަވެސް ހެޔޮކޮށް ހިތާށެވެ! އުނިވާބައި ﷲ ތަޢާލާ ފުރުއްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން