ރެއާ ދުވާލު އޮފީހުގަ ސްމާޓް "ޖޮބެއްގަ" މަސައްކަތްކުރީމާ މަހަކު ލިބެނީ 10000 ރުފިޔާ ކަމަށްވެފައި ސްމާޓް ނޫން ޖޮބަކުން މަހަކު 20000 ރުފިޔާ ލިބުނަސް ގިނައީ ސްމާޓް ޖޮބަށްދާން ބޭނުންވާ މީހުންނެވެ. ވީމާ ކުޑަކޮށް ވިސްނައިލަމާ ހިނގާށެވެ!
ތިބާގެ ކައިވެންޏަށް އެދިގެން އަންނަ ފިރިހެނުންނާއި ސުވާލުކުރަންވީ ލޯބިވޭތޯ ނުވަތަ އަބަދުވެސް ލޯބިވާނަންތޯ ނުވަތަ ކަލެއަކީ ތަޤްވާވެރިއެއްތޯ އެކަންޏެއް ނޫނެވެ. ލޯބީގެ ބައި ބާއްވާށެވެ. ތަްްވާވެރިކަމަށް އިސްކަންދޭންޖެހޭނެ އެވެ.
އެހެންކަމާއިއެކުވެސް ކުރަންޖެހޭ ސުވާލެއް އެބައޮތެވެ. އެސުވާލަކީ ކޮންމެ ފަދަ ބުރަ މަސައްކަތެއް ކުރަންޖެހުނަސް އެމަސައްކަތެއްކޮށްގެން އަނބިދަރިން ގޮވައިގެން ދިރިއުޅެން މަސައްކަތްކުރުމުގެ ހިތްވަރު އެބަހުރިތޯ އެވެ. މިހެން މިބުނަނީ ކިތަންމެ ބޮޑަށް ލޯބިވިޔަސް އަދި ތަޤްވާވެރިވިޔަސް ދިރިއުޅެން ކުރަންޖެހޭ މަސައްކަތްކުރަން ކަންނެތްވެއްޖެނަމަ ޢާއިލާ ނުބެލެހެއްޓޭނެތީއެވެ.
އަދިވެސް ބުނެލާނަމެވެ! ފުރިހަމަ ތަޤްވާވެރިއަކުނަމަ ދިރިއުޅެން މަސައްކަތްކުރާނެއެވެ. އަނބިދަރިންނަށް ޚަރަދުކުރުމަކީ އޭނާގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ޤަބޫލުވެސްކުރާނެއވެ.
ކޮންމެއަކަސް މިސުވާލުކުރަންޖެހޭ ސަބަބަކީ ދިރިއުޅެވޭނީ އާމްދަނީ ހޯދަން މަސައްކަތްކުރުމުގެ ހިތްވަރުހުރެގެންކަމަށްވާތީއެވެ. އެހިތްވަރު ނެތްނަމަ ދިރިއުޅުން އާރާސްތެއް ނުކުރެވޭނެއެވެ.
އަންހެނެއްގެ ކައިވެންޏަށް އެދިގެންދާ ފިރިހެނުން ނުވަތަ ކައިވެނިކޮށްގެން ތިބޭ ފިރިހެނުން ތިމާއަކީ ތަޤްވާވރިއެއް ކަމަށް ބުނުމަކުން އަދި ނުފުދެއެވެ. އަދި އަޅުކަންކުރާ މީހަކު ކަމުގައިވުމަކުން އެކަނިވެސް ނުފުދެއެވެ.
އެމީހާއަކީ އަނބިދަރިން ގޮވައިގެން ދިރިއުލުމުގެ ހިތްވަރުހުރި މީހަކަށްވާންޖެހޭނެއެވެ. ވަކިފެންވަރެއްގެ ވަޒީފާއެއްގައި ނޫނީ މަސައްކަތްކުރަން ފަސްޖެހޭ މީހަކަށް ވެގެން ނުވާނެއެވެ. އަދާކުރަން ބޭނުންވާ ވަޒީފާ ނުލިބިއްޖެނަމަ، ނުވަތަ އަދާކުރަމުން އައި ވަޒީފާ ގެއްލިއްޖެނަމަ މަގުކުނިކަހައިގެން ނަމަވެސް އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭނެ ފައިސާ ހޯދަން މަސައްކަތްކުރަން ކުރޭ މީހަކަށްވާން ޖެހޭނެއެވެ!
މިއަދު އެންމެ ބޮޑަށް މައްސަލަތައް ޖެހެމުން މިދާ އެއްސަބަބަކީ އެހިތްވަރު ބައެއް މީހުންގެ ކިބައިގައި ނެތުމެވެ. ނިކަން ވިސްނައިލަބަލާށެވެ. ދެމަފިރިން އެކުގައި ވަޒީފާއަދާކުރަނިކޮށް ވަޒީފާ ގެއްލުމުން ބައެއް ފިރިން އެމީހުން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ނުލިބިގެން ވަޒީފާއަދާނުކޮށް އެބަތިބެއެވެ. އަނބިމީހާއަށް ލިބޭ މުސާރައިން އެކަނި ދެކޮޅު ނުޖެއްސޭއިރުވެސް އެގޮތައް ކަންތައް ކުރުމުން އަނބިމީހާއަސް ބުރަބޮޑުވެ ފޫހިވާތަން އައުދެއެވެ. އެއީ އެކަންހަމަ މެދުވެރިވާނެ ގޮތެވެ.
އަދި ފިރިމީހާ އެކަނި ވަޒީފާއަދާކުރަމުން ދަނިކޮށް ވަޒީފާ ގެއްލުމުން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ލިބެންދެން މަސައްކަތްނުކޮށް އެބަތިބެއެވެ. އެއިރު އަނބިދަރިން ތިބެނީ ކާންބޯން ނުލިބިފައެވެ. އަސާސީ ބޭނުންތައް ނުފުއްދިފައެވެ. މިޙާލަތުގައި އަނބިމީހާއަށް ޕްރެޝަރު ބޮޑުވެގެން ގޯހެއް ހެދުނީމާ އަނބިމީހާ ކުށްވެރިކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
އަހުރެން މިބުނަނީ ނުލިބޭ ފައިސާއެއް ޚަރަދުކުރާކަށް ނޫނެވެ. ފައިސާ ލިބެން އޮތީ ކިތަންމެ ބުރަ އަދި ކިތަންމެ ދަށްފެންވަރުގެ މަސައްކަތެއް ކޮށްގެންނަމަވެސް އެމަސައްކަތެއް ކުރުމަށެވެ. އަބަދު އެއްފެންވަރެއްގެ ވަޒީފާގައި ތިބެވޭނެކަމަށް ޤަބޫލުވެސްކޮށްގެން ނުވާނެއެވެ.
މިބާވަތުގެ ދަތިތައް ކުރިމަތި ކުރައްވަވަނީވެސް އިމްތިޙާނަކަށެވެ. އިމްތިޙާނުން ފާސްވާން މަސައްކަތްކުރީމާ ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫހަށް