ކިތަންމެ ބޮޑު ހިތްދަތިކަމެއް ނުވަތަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވިނަމަވެސް ފަސްއެނބުރި ބަލައިލަންވެސް ނުޖެހި ކުރިއަށް ދެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކިތަންމެ ބޮޑު ހިތްދަތިކަމެއް ނުވަތަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވިނަމަވެސް ފަސްއެނބުރި ބަލައިލަންވެސް ނުޖެހި ކުރިއަށް ދެވޭނެ މަގު-

އިރާއި ހަނދާއި ފަލަކުގައިވާ ތަރިތައް އަރައި އޮއްސޭ ފަދައިން ދިރިއުޅުމުގައި ކުރިމަތިވާ ޙާލަތުތައް އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. ހިތާމަވެރިކަމުން އުފާވެރިކަމަށެވެ. އުފާވެރިކަމުން ހިތާމަވެރިކަމަށެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. 

ދާއިމީ ގޮތެއްގައި އެމީހަކާއިއެކުގައިވުމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވި އެއްޗެއް ނުވަތަ ނިޢްމަތެއް ފިޔަވައި އެހެން ކޮންމެ ނިޢްމަތަކީވެސް މުއްދަތަކަށްފަހު އެމީހަކާއި ވަކިވެގެންދާނެ ކަމެކެވެ. އެކަން ﷲ ވަނީ ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. 

އަދި އަހަރެމެން މުސްލިމުން މިތިބީ ހިތުގެ އަޑިން އެކަން ޤަބޫލުވެސްކޮށްގެންނެވެ. އެހެނަސް ކިތަންމެ ކުޑަކުޑަ ނިޢްމަތެއް ނަމަވެސް އަނބުރައި ގެންދަވައިފިނަމަ އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންވެ ކަންބޮޑުވެ ތެޅިފޮޅިގަނެއެވެ. 

އެކަމުން އެނގެނީ އެނިޢްމަތް އެމީހަކާއި ވަކިވެގެން ދިއުމަށް އެމީހަކު ނުރުހޭ ކަމެވެ. އަދި އޭނާ ހުރީ އެ ނިޢްމަތް އޭނާ އާއި ދުވަހަކުވެސް ވަކިނުވާނެ ކަމަށް ޔަޤީންކޮށްގެންކަމެވެ. އެހެންކަމަށްވާނަމަ އޭނާއަށް އެހުރެވުނީ ކުރިން ބުނިފަދައިން ﷲ ތަޢާލާގެ ވަޙީބަސްފުޅު ޤަބޫލުކޮށްގެނެއް ނޫނެވެ. 

ދިޔަބޮޑުވެ ދިޔަހިކޭ ފަދައިން ދިރިއުޅުމުގެ ކަންކަމަށްވެސް ބަދަލުތައް އަންނާނެއެވެ. ތަފާތަކީ ދިޔަބޮޑުވާނެ ވަޤުތާއި ދިޔަ ހިކޭނެ ވަޤުތު އެނގޭނެ ގޮތް މިންވަރުކުރައްވަވާފައި ވީނަމަވެސް ދިރިއުޅުމުގެ ކަންކަމަށް ބަދަލު އަންނާނެ ވަޤުތު އެނގޭނެ ގޮތެއް ނެތްކަމެވެ. 

މީސްތަކުންނޭވެ! ތަނަވަސްކަންވެސް ގެއްލޭނެއެވެ. އަނބިދަރިންވެސް ގެއްލޭނެއެވެ. ކައިވެނިވެސް ރޫޅޭނެއެވެ. ބަލިވެއުޅެންވެސް ޖެހޭނެއެވެ. ތިމާއަށް ދެއްވެވި ކޮންމެ ނިޢްމަތެއްވެސް ކޮންމެ ވަޤުތަކުވެސް ބީވެގެން ހިނގައިދާނެއެވެ. ދުނިޔޭގައި އުޅުން މިކިޔަނީ މިހުރިހާ ކަމެއް ހިމެނިފައިވާ ޕެކޭޖަކަށެވެ. ވީމާ އެކަންކަން އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. 

ބުއްދިވެރި ގޮތަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ހިނގަމުންދާނެކަން ޤަބޫލުކުރުމެވެ. ނިޢްމަތްތައް ދެއްވަވާނެ ކަމާއި ދެއްވެވުމަށްފަހު އަނބުރައި ގެންދަވާނެ ކަމާއި އަދި އެއަށްފަހުގައި އިރާދަކުރެއްވެވި އަޅަކަށް އަލުން އަނބުރައި އެކަންކަން ދެއްވަވާނެ ކަމަށް ޤަބޫލުކުރުމެވެ. އަދި މާފުރިހަމަ ގޮތުގައި ދެއްވަވާނެކަންވެސް ޤަބޫލުކޮށްގެން ކުރިއަށް ދިއުމެވެ. 

ކަމެއް ދިމާވާއިރަށް އޮށޯވެ މުނާއިއެކުގައިގައި ރަޖާލައިގެން އޮންނަން ނުޖެހޭނީ އެއިރުންނެވެ. ހިތްވަރުކޮށްފައި ތެދުވެ އައު ހިތްވަރަކާއިއެކު އުޅެވޭނީ އެއިރުންނެވެ. ވީމާ މިކަންކަމަށް ވިސްނައިގެން އުޅެން މަސައްކަތްކުރާށެވެ! އެއިރުން ތިބާގެ ހިތްވަރު އެލުވާލަން ޖެހޭނެ ވަޤުތެއް ނުއަންނާނެއެވެ. އިން ޝާ ﷲ

 

- އަލަފް/ މިއަދުނޫހަށް  

މިއަދު އޮންލައިން