ހިތްދަތިވާންޖެހުމާ ނުތަނަވަސްކަން ކުރިމަތިވާނަމަ އަމިއްލަ ނަފްސާ ސުވާލުކޮށް ދެނެގަންނަޖްހެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހިތްދަތިވާންޖެހުމާ ނުތަނަވަސްކަން ކުރިމަތިވާނަމަ އަމިއްލަ ނަފްސާ ސުވާލުކޮށް ދެނެގަންނަޖްހެހޭނެ ކަންކަން-

ބުރަ ނުވަތަ ތަކްލީފަކާއި ނުލައި ކާމިޔާބުކުރެވޭނެ ކަމެއް ނެތެވެ. ވީމާ މުޅި ޙަޔާތުގައިވެސް އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. މިއީ ދުނިޔެ ކަމަށްވާތީއެވެ. ދުނިޔޭގެ އާދައަކީ އެއްބައިދުވަސްތަކުގައި އުފަލުގައި ހުރެވުމާއި އަނެއްބައި ދުވަސްތަކުގައި ކަންބޮޑުވެ ހިތާމަކުރަންޖެހުމެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް މެދުވެރިވާނެ ކަންކަމެވެ.

މައްސަލަޖެހެނީ ކަންބޮޑުވެ ހިތްދަތިވާންޖެހޭ ކަންކަން ކުރިމަތިވުން ގިނަވާނަމައެވެ. އެއިރުން އެކަމަށް ވަރަށް ބޮޑަށް ވިސްނޭނެއެވެ. އަދި ކަންކަން މިހެން މިދިމާވަނީ ކީއްވެގެން ކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުތައްވެސް ކުރެވޭނެއެވެ. ކުރަންވެސް ޖެހޭނެއެވެ.  

ސުވާލުކުރުމުން ހެޔޮލަފާ މީހުން ނުވަތަ ޢިލްމުވެރިން ޖަވާބުވެސްދޭނެއެވެ. އެމީހަކު ބުނާނީ އެކަމެއް އެމީހަކަށް ވިސްނޭ ގޮތަށެވެ. ނަމަވެސް އެއީ 100 އިންސައްތަ ދިމާނުވެދާނެ ކަމެކެވެ. ސަބަބަކީ އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވުމެވެ.  

ވީމާ ކަންބޮޑުވެ ހިތްދަތިވާންޖެހޭ ކަންކަން ކުރިމަތިވުން ގިނަވާނަމަ ފުރަތަމަވެސް ތަނެއްގައި އިށިނދެ ހަމަޖެހިލާށެވެ. އިށީނދެ ހަމަޖެހިލުމަށްފަހު އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ! އަހުރެން ފަރުޟު 5 ނަމާދު ބަރާބަރަށް ކުރަމުހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ކަމަށްވާނަމަ ދެވަނަ ސުވާލުކޮށްލާށެވެ! ނަމާދުގައި އަހުރެންނަށް ޚުޝޫޢަތްތެރިވެވޭ ހެއްޔެވެ؟ މިހިސާބުން ބައެއްކަންކަން ވިސްނެން ފަށާނެއެވެ.  

އަދިވެސް ސުވާލުކުރާށެވެ! ވުޟޫކުރެވެނީ ދޭންޖެހޭ ސަމާލުކަން ދީގެންހެއްޔެވެ؟ ބަންގިގޮވީމާ ނަމާދުކުރަން އަވަސްވެގަނެވޭ ހެއްޔެވެ؟  

ދެން އޮތީ އެންމެ މުހިންމު ބައެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރުމެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވޭހެއްޔެވެ؟ ނުވަތަ އަރައިގަނެވިފައިވޭ ހެއްޔެވެ؟ އެކަންކަން ތިމާއަށް ކުރެވޭ މިންވަރާއި ޢަމަލުކުރެވޭ ގޮތާއިމެދުވެސް އަމިއްލަ ނަފްސާއި ސުވާލުކުރަންވާނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިސުވާލުތަކަށް ފުރިހަމަ ގޮތުގައި އާނއެކެވެ ބުނެވޭ މީހަކަށްވާށެވެ! ތިމާއަކީ އެއްވެސް މީހެއްގެ ހިތުގައި ނުޖައްސައި އުޅެވޭ މީހަކަށްވާށެވެ! އެފަދަ މީހަކަށް ވެވިއްޖެނަމަ ވަރަށް ގިނަ މައްސަލަތަކުގެ ޙައްލު ފެންނާނެއެވެ. އިން ޝާ ﷲ  

އެހެން މިބުނަނީ އަހުރެން އަމިއްލައަކަށް ނޫނެވެ. ނަމާދުކުރުމާއިއެކު ކެތްތެރިވެހުރެ ތިމަން ﷲ ގެ ޙަޟްރަތުން ވާގިއެދުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީއެވެ. އެގޮތަށް ވަޙީކުރައްވަވާފައި އެވަނީ އެއިރުން އެމީހަކަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން