ﷲ ގެ ރަޙްމަތަށާ ބަރަކާތަށް އެދޭނަމަވެސް ދަރިން ކައިވެނިކޮށްގެންނަ ބައިވެރިންނަކީ ހިލޭސާބަހަށް ގެންގުޅެން ލިބޭ ނޯކަރުންނަށް ހަދައިގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ﷲ ގެ ރަޙްމަތަށާ ބަރަކާތަށް އެދޭނަމަވެސް ދަރިން ކައިވެނިކޮށްގެންނަ ބައިވެރިންނަކީ ހިލޭސާބަހަށް ގެންގުޅެން ލިބޭ ނޯކަރުންނަށް ހަދައިގެން ނުވާނެ!: މުފްތީ މެންކް

ފިރިމީހާގެ ކިބައިގަ ތަނަވަސްކަން ކުޑަވީމަ ވަކިދިރިއުޅުމެއް އުޅެވެން ނެތިގެން ފިރިމީހާގެ ޢާއިލާއާއިއެކު ދިރއުޅޭނަމަ ނޭވާލާނެ ވަޤުތު ނުދީ އަޅެއް ފަދައިން މަސައްކަތްކުރަން ޖެއްސުވުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ސުވާލުގެ ޖަވާބުގައި ބުނަންޖެހޭނީ ދީން އެކަމަށް ހުއްދަ ނުކުރާކަމަށެވެ. ދުނިޔަވީ އުޞޫލުތައްވެސް އެކަމަށް ހުއްދަނުކުރާ ކަމަށެވެ. ފިރިމީހާގެ ގޭގައި އުޅުނަސް މަސައްކަތްކުރުވަންޖެހޭނީ އެންމެން ހަމަހަމަވާ އުޞޫލަކުންނެވެ. ގޭގެ ހުރިހާ ދަރިންގެ މެދުގައި ހަމަކޮށެވެ. ބޭރުން ގެނެވުނަސް އަމިއްލަ ދަރިންނާއި ތަފާތުކުރުން ހުއްދައެއް ނުވާނެއެވެ. މަސައްކަތްކުރުމުގައި ތަފާތުވާންޖެހޭނީ ހަމައެކަނި މުސްކުޅި މައިންބަފައިންނެވެ. ނުވަތަ ބަލިވެ އުޅޭ މީހެކެވެ. އެހެން އެންމެން ހަމަވާންޖެހޭނެއެވެ.  

ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަބަދުވެސް މިބުނަނީ އެންމެ ފުރަތަމަ މާފުކޮށް ހިތްހެޔޮކުރަންޖެހޭނީ އެންމެ ގާތް މީހުންނަށް ކަމަށެވެ. އަމިއްލަ ޢާއިލާއަށް ކަމަށެވެ. އެއިގެ ތެރޭގައި ޅިޔަން ފަހަރިންވެސް ހިމެނެއެވެ. ދެމީހުންގެ މައިންބަފައިންވެސް ހިމެނެއެވެ. 

ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހުންގެ ކިބައިން އަނިޔާ ލިބެމުން އަންނަނަމަ އެކަންކަމަށް ރުހި ހިތްޤަބޫލުވެގެން ހުރުމެއް ނޫނެވެ. މިހެން ބުނަންޖެހޭތީ ދެރަވެސްވެއެވެ. މިވަރަށް މިވާހަކަތައް މިހާގިނައިން ދައްކާއިރުވެސް ގެއަށް ބޭރުން ގެނެވޭ ދަރިންނަށް އިހާނެތިކޮށް ހެދުމުގެ މައްސަލަތައް މަދުވުމުގެ ބަދަލުގައި އަންނަނީ އިތުރުވަމުންނެވެ.  

ބައެއް ޢާއިލާތަކުގައި ގެއަށް ބޭރުން ގެނެވޭ ދަރިން ހަދަނީ މުސާރަނުދީ ގޭގައި ގެންގުޅޭ ނޯކަރުންނަށެވެ. މުސާރަދީގެން ގެންގުޅޭ ނޯކަރަކަށް ކަނޑައަޅާ ގޮތަށް ޑިޔުޓީތައް ކަނޑައަޅައެވެ. ކުރަންޖެހޭ މަސައްކަތްތައްވެސް ކަނޑައަޅައެވެ. ފަތިހާ ތެދުވެ މަސައްކަތް ފަށަންވެސް ޖައްސުވައެވެ. މިހުރިހާ ކަންކަމެއް މިގޮތަށް ކުރުމަށްފަހު ކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެއެވެ. ކިތަންމެ ކުޑަނަމަވެސް ކުށެއް ކުރެވިއްޖެނަމަ ނޯކަރަކަށް އެއްޗެތިގޮވާ އުޞޫލުން އެއްޗެތިވެސް ގޮވައެވެ.  

ނިކަން ބުނެބަލާށެވެ! ﷲ ތައާލާ އޭނާ އުފައްދަވައި، އޭނާގެ މައިންބަފައިންގެ ގާތުގައި ހުރެ ބޮޑުވެ މަސައްކަތްކުރާ ޢުމުރަށް އެޅުމުން ތިއަ ގެއަށް އޭނާ ފޮނުއްވެވީ އޭނާ ނޯކަރަކަށް ހަދަން ހެއްޔެވެ؟ ހިމަހިލާ އެހެންނަކުން ނުވާނެއެވެ.

އެހެންވެ ހުރިހާ މައިދައިތައިންނަށާއި ބަފާބެއިންނަށާއި އަދި ޅިޔަން ފަހަރިންނަށް އަހަރެން މިގޮވާލަނީ އެގޮތަށް އެކަން ނުކުރުމަށެވެ. އޭނާއަށް ޙައްޤު ޤަދަރާއި މަޤާމް ދިނުމަށެވެ. އޭނާ ކަލޭމެންނަށް ޚިދުމަތްކޮށްދެނީ އޭނާގެ ރަނގަޅުކަމުންކަން ޤަބޫލުކޮށް އަޅުވެތި ނުކުރުމަށެވެ. އޭނާ ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށެވެ.  

އެމީހުންވެސް ވަރުބަލިވާނެއެވެ. ފަތިހާ ތެދުވެ މަސައްކަތްކުރަން ބުރަވާ ދުވަސްވެސް އަންނާނެއެވެ. ދަރިން ލިބުމުން ދަރިންގެ ކަންކަންވެސް ކުރަންޖެހޭނެއެވެ. އެކަންކަން ނުއެނގޭކަމަށް ހަދައި ހިތަށް އެރިހާ އެއްޗެއް ގޮވީމާ ﷲ ތަޢާލާ މަޢާފްކުރައްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟  

ވީމާ ގެއަށް ބޭރުން ގެނެވޭ ދަރިންނަށް ހެޔޮކޮށް ހިތާށެވެ! ރަޙުމްކުރާށެވެ! އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން