މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ އައްޔަންކުރައްވާފައެވެ.
ޑރ. ޝަފީޤަކީ މިވަގުތު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުންޏަކީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ވިޔަފާރި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މި ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
މި ކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދިޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަޝްރޫޢު ހިމެނެއެވެ.