ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް ވަނީ އަޅާފަ: އައިއެމްއެފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް ވަނީ އަޅާފަ: އައިއެމްއެފް

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް ވަނީ އަޅާފައި ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ އަދި މާލިއްޔަތު ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމެއްގައި، އައިއެމްއެފްގެ ވަފުދުގެ އިސްވެރިޔާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން މިއަހަރު އިޤްތިޞާދު 5 އިންސައްތައިން ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އައިއެމްއެފްއިން ފާހަގަކުރި ގޮތުގައި މި ކުރިއެރުން އަންނާނީ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެންނެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހޭނެކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފްއިން ޚާއްޞަ ގޮތެއްގައި ތަޢުރީފްކޮށްފައިވަނީ ދަރަންޏާ ބެހޭ ޤާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކަށެވެ. މީގެއިތުރުން އާސަންދަ ނިޒާމަށް ގެނެވުނު އިސްލާހީ ބަދަލުތަކާއި، މިއަހަރުގެ ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހިމެނިފައިވާ ކަންކަމަށްވެސް އައިއެމްއެފްއިން ވަނީ މަރުހަބާ ކިޔާފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އައިއެމްއެފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން