އިބިލީހަށް ތިމާއާއި ވައިވެސް ނޭޅެވޭނެ އަދި ތިމާއަށްޓަކާ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދިއުމަށް އޮތް އެންމެ ޔަޤީން މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިބިލީހަށް ތިމާއާއި ވައިވެސް ނޭޅެވޭނެ އަދި ތިމާއަށްޓަކާ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދިއުމަށް އޮތް އެންމެ ޔަޤީން މަގު-

އިންސާނުންނަށް ﷲ ތަޢާލާ ވަނީ ވަރަށް ގިނަ ނިޢްމަތްތައް މިންވަރުކުރައްވަވައިފައެވެ. ޝުކުރުވެރިވުމުން ދެއްވަވަން އޮތް ނިޢްމަތަކީ އަދި މާމަތިވެރި ނިޢްމަތެކެވެ. އެއީ ހިތްއެދޭހައި އެއްވެސް ބުރައަކާއިނުލައި ވަޤުތުން ލިބެމުންދާނެ ސުވަރުގެއެވެ.

މީސްތަކުންނަށް ﷲ ތަޢާލާ ބާވައިލެއްވެވި އެންމެ ބޮޑު ރަޙްމަތަކީ ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވުން އެއީ އިބިލީހަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމެވެ. އެފޮތް ބާވައިލެއްވެވުނު ދުވަހުން ފެށިގެން އިބިލީހުގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދާފައިވަނީ އެފޮތާއި މީސްތަކުން ދުރުކުރަން މަސައްކަތްކުރުމެވެ.

ނަތީޖާއަކީ މިއަދު މީސްތަކުންނަށް ކީރިތި ޤުރްއާނުގެ މަތިވެރިކަމާއި މުހިންމުކަން ވަރަށް ބޮޑަށް އޮޅިފައިވުމެވެ. އެފޮތަށް ދޭންޖެހޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަކޮށްލެވިފައިވުމެވެ. އެފޮތުގައި ބަޔާންވެގެންވާ ކަންކަމަށް ފަރުވާތެރިވުމާއި ދުރުހެލިވެވެމުން އަންނަކަމެވެ.

މީސްތަކުންނޭވެ! އިބިލީސް އެހައި ބޮޑަށް މީސްތަކުން ކީރިތި ޤުރްއާނާއި ދުރުކުރަން މަސައްކަތްކުރާ ސަބަބާއިމެދުވެސް ވިސްނާލަންޖެހޭނެއެވެ! އެއީ އެފޮތަށް އަމަލުކުރުމުގައި ސާބިތުވެއްޖެ މީހަކު އިބިލީހުގެ އަތްދަށުން ސަލާމަތްވެ ސުވަރުގެ ޙާޞިލުކުރާނެތީއެވެ. އެއީ އިބިލީސް އެންމެ ބޮޑަށް ރުޅި އަންނަ އެއްކަންތަކެވެ. އެހެނީ އޭނާ ވަނީ އެންމެހައި މީސްތަކުން ނަރަކައަށް ވައްދާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ވަޢުދުވެފައެވެ.

މީސްތަކުންނޭވެ! ދުނިޔެ އުފައްދަވާފައިވަނީ އިންސާނުންނަށްޓަކައެވެ. އިންސާނުން ދިރިއުޅުމަށެވެ. ބައެއް ބިންތަކަކީ ދިރިއުޅެން ފަސޭހަ ބިންތަކެވެ. އަނެއްބައި ބިންތަކަކީ ތަންކޮޅެއް އުނދަގުލުން ދިރިއުޅެވޭ ބިމެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ އިންސާނާ ކޮންމެ ބިމެއްގައި ދިރިއުޅުނު ނަމަވެސް އެބައަކަށް ބޭނުންވާ ނިޢްމަތްތައް އެބިމެއްގައި ލައްވަވއި ދެއްވަވާފައިވާ ކަމެވެ.

މިފަދަ ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވައި ދެއްވެވުމުން ޝުކުރުވެރިނުވެ ޝައިޠޯނާގެ ބަހަށް ހެއްލިގެންދާނަމަ އެމީހަކީ އެމީހެއްގެ ކިބައިގައި އިންޞާފުގެ ކުނޑިފަށެއްވެސް ނެތް މީހެއް ނޫންހެއްޔެވެ؟ އެފަދަ މީހަކަށް ވެގެންހުރެ ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

ވީމާ ފުރަތަމަ ކަމަކަށް ﷲ ތައާލާ ބާވައިލެއްވެވި އެންމެ ބޮޑު ރަޙްމަތްކަމުގައިވާ ކީރިތި ޤުރްއާނަށް ލޯބިކޮށް ޢަމަލުކުރާ މީހަކަށްވާށެވެ! އެފޮތުގައި ޘާބިތުކަމާއިއެކު ހިފަހައްޓައިގެން ކޮންމެ ކަމެއް ވެސް ކުރަމުން ގެންދާށެވެ! އެއިރުން އިބިލީހަށް ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން