ބައެއް ފިރިން އެއްވެސް ޖެހިލުމެއް ނެތި އަނބިމީހާގެ ބޮލުގައި ބޮޑެތި ދޮގު އިލްޒާމްތައް އަޅުވައެވެ. ނިކަމެތިކުރުމުގެ ގޮތުން ބަސްތައް ބުނެއެވެ. ގިނައިން އެފަދަ ކަންކަން ކުރަނީ އެހެން އަންހެނަކާއި ގުޅެން ބޭނުންވުމުން އަނބިމީހާގެ ކުށް ދެއްކުމަށެވެ.
ހަމައެކަނި ފިރިންނެއްވެސް ނޫނެވެ. ރަނގަޅު ގޮތުގައި ދިރިއުޅޭ އަންހެނުންގެ އަގުވައްޓާލުމަށް އެންމެ ގާތްކޮށް އުޅޭ އެކުވެރިންވެސް އެފަދަ ކަންކަން ކުރެއެވެ. އެއީ ހިތުގައި އުފެދޭ ޙަސަދައިގެ ސަބަބުންނެވެ. މީގެ އިތުރުން އެމީހަކު ޙާޞިލުކުރަންބޭނުންވާ އުފަލެއް އެއަންހެނެއްގެ ކިބައިން ޙާޞިލުނުކުރެވުމުންވެސް ބައެއް މީހުން އެފަދަ ކަންކަން ކުރެއެވެ.
ބުނަންހެއްޔެވެ؟ ޤިޔާމަތް ދުވަހު މީޒާނުގައި ޢަމަލުތައް ކިރައިލެވޭ ވަޤުތު އެއީ އާދައިގެ ފާފަތަކަކަށް ނުވާނެއެވެ. އެފަދަ ކަންކަން ހިމެނިގެންދާނީ ފާފައިގެ ކޮޅަށް ބޮޑުތަނުން ބުރަވެގެންދާ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ.
އަހުރެން މިދައްކާ ވާހަކައިގެ ޙަޤީޤަތް ބަލަން ބޭނުންނަމަ ކީރިތި ޤުރްއާން ބަލާށެވެ! ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މީހުންނާއިމެދު ވަޙީކުރައްވަވާފައިވާ އާޔަތްތައް ބަލާށެވެ! އެމީހުން އެއީ ކުޑަކަމެއް ކަމަށް ހީކުރި ނަމަވެސް އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށް ވަޙީކުރައްވަވާފައި ނުވޭ ހެއްޔެވެ؟
ހަމައެކަނި ޒިނޭކުރުމެއް ނޫނެވެ. ޢިއްފަތްތެރި އަންހެނެއްގެ ޢަބުރަށް ގެއްލުންވާ ގޮތަށް ދެއްކޭ ކޮންމެ ވާހަކައަކީވެސް ހަމަ ކުރެވޭ ބޮޑު ފާފައެކެވެ.
މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފަކުރެވޭނީެއެވެ. ނަމަވެސް ޘަވާބުގެ ކޮޅަސް ބުރަވެއްޖެނަމަ އެމީހަކަށް ސުވަރުގެއެވެ. އިން ޝާ ﷲ. ވީމާ ފާފައިގެ ކޮޅަށް ބޮޑުތަނުން ބުރަވެގެންދާ ބޮޑެތި ފާފަތައް ހަމަ އެއްގޮތަކަށްވެސް ނުކުރާށެވެ!
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން