ބައިވެރިޔާއަށް ހުރިހާ ކަމެއް ކޮށްދިނަސް ޠަބީޢަތް ރަނގަޅުނުވާ ކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން ލިބޭ ޝަކުވާއެކެވެ. ޚާއްޞަކޮށް އަނބިންނާއިމެދުގައެވެ. އެހެންކަމުން މިއީ ޙައްލު ހޯދަންޖެހިފައިވާ ކަމެކެވެ.
މިކަމާއި ގުޅިގެން ޝަކުވާކުރާ ގިނަ މީހުންގެ ކިބައިން ލިބޭ މަޢުލޫމާތުން އެނެގެނީ އަނބިންނަށް ހުރިހާ ކަމެއް ކޮށްދޭކަމަށް ބުނާ ބުނުމުގެ ތެރޭގައި އިހްމާލްވެވޭ ކަމެއް އޮންނަ ކަމެވެ. އެއީ އަނބިންނަށް އެންމެ މުހިންމު ކަންތަކެވެ.
އެކަމަކީ އަނބިމީހާއަށް ވަޤުތު ނުދެވޭކަމާއި ފިރުމައިލުން މަދުކަމެވެ. އެއްވެސް ޙާލެއްގައި މިދައްކަނީ ދެމީހުން އެއްދާން ނުކުރުމުގެ ވާހަކައެއް ނޫނެވެ. ގިނަ އަނބިންނަށް އެއްދާން ކުރުމަށްވުރެވެސް މުހިންމުވާނީ އެކުގައި ވާހަކަދައްކައިލާނެ ވަޤުތާއި ފިރުމައިލުމެވެ. ލޯބިން ބީހިލުމެވެ.
ކައިވެނީގެ ކުރިން އޮންނަނީ އެކަންކަމަށް ވަޤުތު މަދުވެފައެވެ. ކިތަންމެ ގިނަ ވަޤުތުތަކެއް އެކުގައި ހޭދަކުރިނަމަވެސް ފުދޭކަމަށް ނުވެފައެވެ. ނަމަވެސް ކައިވެނިކުރެވުމާއިއެކު އެކަން އަނެއްކޮޅަށް ބަދަލުވާނަމަ އެކަން ބަލައިގަންނަން އަނބިންނަށް ވަރަށް އުނދަގޫވާނެއެވެ.
ވީމާ އަހުރެން ބުނާނީ އަންބިންގެ މިޒާޖަށް ބަދަލުއައިސް ހިނިތުންވުން ނުލިބޭނަމަ ފުރަތަމަ ކަމަކަށްވެސް މިބުނި ކަންތަކަށް ސަމާލުކަންދޭންޖެހޭނެއެވެ. އަނބިމީހާއަށް ވަޤުތުދެވޭވަރާއި ލޯބިން ފިރުމައިލެވޭވަރާއިމެދު ވިސްނާލަން ޖެހޭނެ ކަމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން