ހޭލުންތެރިވަމާ!: ކުޑަކަމެއް ކަމަށް ބަލައި ފަރުވާކުޑަކުރީމާ ކުރިހާ ނަމާދުތަކެއް ބާޠިލްވެ ހިތާމަކުރަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހޭލުންތެރިވަމާ!: ކުޑަކަމެއް ކަމަށް ބަލައި ފަރުވާކުޑަކުރީމާ ކުރިހާ ނަމާދުތަކެއް ބާޠިލްވެ ހިތާމަކުރަންޖެހިދާނެ ކަމެއް!

މީސްތަކުންގެމެދުގައި މިއަދު ހުރި އެންމެ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ އެކަމެއް އެބަހިނގާކަންވެސް ގިނަ ބައަކަށް ނުވިސްނޭ ކަންކަމެވެ. މިބުނަނީ އެއީ ކުށެއްކަމާއި ތިމާއަށް އެކުށް އެބަކުރެވޭކަން ނުވެސް ވިސްނޭ ވާހަކައެވެ. މިފަދަ ބައެއް ކަންކަން ނަމާދާއިވެސް ގުޅިގެން އެބަދެއެވެ. އެހެންވެ ބައެއް މީހުންނަށް އެކަމަކަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން އެމީހުންކުރާ ނަމާދު ޞައްޙަނުވާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ.  

ބައެއް މީހުން ކުޑަކަމުދާން އިށީނދެފައި ރަނގަޅަށް ނުނިމެނީސް އެބަ ތެދުވެއެވެ. ކޮންމެވެސް ކަމަކަށް އަވަސްވެގަންނަން ބޭނުންވެގެންނެވެ. ބައެއް މީހުން ޖަމާޢަތުގެ ނަމާދުގައި ބައިވެރިނުވެވިދާނެ ކަމުގެ ބިރަށް އަވަސްވެގަންނަންވެގެންވެސް ނުނިމެނީސް އަވަހަށް އެބަ ތެދުވެއެވެ.  

އެއިރުން ދިމާވާ މައްސަލައަކީ ފެންލައި ޠޯހިރުވެގެން ތެދުވާފަހުން ކޮންމެވެސް މިންވަރެއް ފޭރާމުގައި ޖެހި ފޭރާން ނަޖިސްވުމެވެ. ފޭރާމުގައި ނަޖިސްހުރެގެން ކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ. ވީމާ މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ.  

ޖަމާޢަތުގެ ނަމާދު ގެއްލުނު ކަމުގައިވީނަމަވެސް އެގޮތަށް އަވަސްވެނުގަންނާށެވެ. އިށީނދެއްޖެނަމަ ރަނގަޅަށް ނިމެންދެން މަޑުކުރާށެވެ. އެހެން ނޫންނަމަ ވަރަށް ގިނައިން މިބުނި ގޮތަށް އެބަ ކަންކަން ކުރިމަތިވެއެވެ. އެގޮތަށް ދިމާވުމުން ވާގޮތަކީ އެކަން ނުއެނގިހުރެ ނަމާދުކުރެވެނީއެވެ.  

ޙައްލަކީ ވަޤުތު އޮއްވައި ނަމާދުކުރަން މަސައްކަތްކުރުމެވެ. ފާޚާނާކުރަންވެފައި ހުރިނަމަ އެކަންކުރާނެ ވަޤުތު އޮއްވައި ފާޚާނާކުރާށެވެ. ރަނގަޅަށް ޠީހިރުވެގެން ހުރެ ވުޟޫކުރާށެވެ. މިކަންވެސް ކޮށްލާފައި ނަމާދަށްދާން ހުއްޓައި އިމާމް މީހާ ޤަމާތް ދިނުމުން ތެޅިފޮޅިގަނެގެން ނަމާދުކުރަން އުޅޭނަމަ މިބުނި ފަދަ މައްސަލަތައް ކުރިމަތިވާނެއެވެ.

ހަމަ އެއާއިއެކު ކިތަންމެ ބޮޑަށް ފަރުވާތެރިވެގެން ހުރެނަމަވެސް ކޮޅަށްހުރެ ކުޑަކަމުދިއުމަކީ ތިކި ފޭރާމަށް ބުރުން ވަރަށް ގާތް ކަމެކެވެ. އެކަމަށް އޮތް ފުރުޞަތު ވަރަށް ބޮޑެވެ. ފަޓުލޫނަށް ބުރިނަމަވެސް އެކަން ދެނެގަތުންވެސް ފަސޭހައެއް ނުވާނެއެވެ. ވީމާ ރައްކައުތެރިގޮތަކީ އިށީނދެ އިނދެ ކުޑަކަމުދިއުމެވެ.  

ނަމާދުކުރަންވާނީ ޠޯހިރުވެހުރެ، ވުޟޫކޮށްގެންނެވެ. ވުޟޫވެސް އަވަސް އަރުވާލައިގެން ކުރަން ހަދައިގެން ގުނަވަންތަކުގައި ރަނގަޅަށް ފެން ނުޖައްސައި ވުޟޫކުރުމަކުން ވުޟޫ ޞައްޙައެއް ނުވާނެއެވެ. ޞައްޙަ ނޫން ވުޟޫއެއްގެ މަތީގައި ކުރާ ނަމާދު ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.  

ވީމާ މިކަންކަމަށް ރަނގަޅަށް ފަރުވާތެރިވެ ހުރެގެން ނަމާދުކުރާށެވެ. ކުރާ ނަމާދު ނަމާދަކަސްވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން