ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ރާއްޖެއިން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ރާއްޖެއިން މަޝްވަރާކޮށްފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި ފަލަސްތީނު ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި، އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓުދީފިއެވެ.

ދިވެހިރާއްޖެއާއެކު 34 ޤައުމެއް ބައިވެރިވި މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ބައްދަލުވުމުގައި ޞިއްޙަތާ ގުޅުންހުރި ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާފައިވެއެވެ.

ދިވެހި ވަފުދުން ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާ ގުޅޭ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ވެސް ހުށަހެޅުންތަކެއް ހުށަހެޅުނު މި ބައްދަލުވުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދައުރާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި، އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްތީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ދިވެހިރާއްޖެއިން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނެވެ. އަދި ޙާއްސަކޮށް ތައިލެންޑާއި ޤަތަރާއެކު ސޮއިކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމާއި، ޕޯސްޓު ގްރެޖުއޭޓު ސީޓު ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ. އަދި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފާހަގަކުރިއެވެ

މިއަދު އޮންލައިން