ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ވެވުނު އެއްބަސްވުން ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ ޑިސެންބަރު މަހު ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އެއްބަސްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑްގެ ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ އިސްވެރިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ސަޢޫދީ ޢަރަބިއްޔާގެ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ އަމާޒުތަކަށް އެއްބާރުލުންދޭ އެއްބަސްވުމެއްކަން ވަޒީރު ސަޢީދު ފާހަގަކުރައްވާފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވުނު ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުން ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުގެ އިސްވެރިން ދެކެވަޑައިގަންނަވައެވެ. މީގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވި، އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެއެވެ.