ރަށްރަށުގެ ސަޤާފަތާއިބެހޭ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަކީ އެ ރަށެއްގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބޭއްވި "ރަށު އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ސަޢީދު ވިދާޅުވީ ރަށްރަށުގެ ސަޤާފަތާއި އެރަށްރަށުގައި ހުންނަ ޚާއްޞަ ކަންކަމުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމުން ރަށް ޕްރޮމޯޓްކުރުމާއި މާކެޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"ބައެއް ރަށްރަށުގައި ބޮޑެތި ކުޅިތައް އެބަހުރި. ބައެއް ރަށްރަށުގައި އިންވަޔަރަންމަންޓަލް އެޓްރެކްޝަންތައް އެބަ ހުރި. އަދި ބައެއް ރަށްރަށުގައި ހެރިޓޭޖް އެބަހުރޭ ޝޯކޭސް ނުކުރެވި. ފަތުރުވެރިންނަށް އަސްލު ޓްރޫ ސްޓޯރީ ޕްރެޒެންޓް ކުރެވިއްޖެ ނަމަ ވަރަށް ބޮޑު މާކެޓިން މެރިޓެއް އެރަށަށް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ރަށްރަށަށް ފަސޭހައިން އައިސްގޮސް ހެދޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުން ކުރަންޖެހޭ މުހިންމު ކަމެކެވެ. އަދި ރަށްރަށުގެ ވިޔަފާރިތަކާއި ރަށް ޕްރޮމޯޓްކުރުމަށް އެހީތެރިވުމަށް ރާއްޖޭގެ ވަރަށް ގިނަ ފޮރިން މިޝަންތަކާއި އެމްބަސީތައް އެކި ޤައުމުތަކުގައި ހުރިކަން ފާހަގަކުރެއްވިއެވެ.
އެ ފަރާތްތަކާ ގުޅިގެން ރަށް ޕްރޮމޯޓްކުރުމާއި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރެވިދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.