ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓު ކަމަށްވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއަށް ބޯޑް އޮފް އިންވެސްޓްމެންޓްސް (ބީއޯއައި) އިން ޑެވެލޮޕްމެންޓް ހުއްދަ ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން މާލެ އަތޮޅުގެ ފަޅެއްގައި ޤާއިމްކުރާ ފްލޯޓިން ސޯލާ ޕްރޮޖެކްޓުން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދޭނެއެވެ. މި ޕްރޮޖެކްޓް ތަރައްޤީކުރުމުގެ ހުއްދަ ދީފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަން ކުންފުންޏަށެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ހުއްދަ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ދީފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސަންގްރޯ ޕަވަރ ސަޕްލައި ކޯ އެވެ.
އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން މި ޕްރޮޖެކްޓް މޮބިލައިޒްކޮށް، 2027 ވަނަ އަހަރަށް މަޝްރޫޢު ނިންމުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމާއި، ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެކްޝަން ވިއުގަ ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވެފައި، މީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އެތައް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.