ކިތަންމެ ބޮޑަށް ދީލަތިވިޔަސް އެމީހަކާމެދު ﷲ ގެ ޙަޟްރަތުގަ މީސްތަކުން ޝަކުވާކުރާނެ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކިތަންމެ ބޮޑަށް ދީލަތިވިޔަސް އެމީހަކާމެދު ﷲ ގެ ޙަޟްރަތުގަ މީސްތަކުން ޝަކުވާކުރާނެ ސަބަބު-: މުފްތީ މެންކް

ބައެއް މީހުންނަކީ އެމީހުންގެ އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް އަދި އެހެން މީހުންނަށްވެސް ދީލަތިކަމާއިއެކު ހޭދަކުރާބައެކެވެ. ސުވާލަކީ ހަމައެކަނި ދީލަތިވުމުން ފުއްދައިލެވެން އެބައޮތް ހެއްޔެވެ؟ ދީލަތިވުމުން ދުނިޔޭގައި ޝުކުރުވެރިވެ ތަޢްރީފްކޮށްފާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ކަންކަންވެގެންދާނެ ގޮތަކާއިމެދު ވިސްނައިލަމާ ހިނގާށެވެ.

ތިމާގެ އަމިއްލަ އަނބިދަރިންނަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް އަދި އެހެން މީހަކަށް ނަމަވެސް އެއްވެސް މީހަކަށް ހަދިޔާ ނުވަތަ ޞަދަޤާތުގެ ގޮތުގައި ކިތަންމެ ގިނައިން ފައިސާދިން ނަމަވެސް އަދި އެހެން އެއްޗެއް ދިން ނަމަވެސް އެމީހަކު ޤިޔާމަތްދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި އެތަކެތި ދިން މީހަކާއިމެދު ޝަކުވާކުރާނެތެވެ.

އޭނާ ދަންނަވާނެތެވެ! "ޔާ ﷲ! މިއަޅާއަށް މިވެނި މިވެނި ކަންކަން މިހިރަ މީހާ ކޮށްދިނެވެ. ވަރަށް ގިނަ ކަންކަން ކޮށްދިނެވެ. އެދޭކޮންމެ ކަމެއްގައިވެސް އެހީތެރިވެއެވެ. ނަމަވެސް ދުވަހަކުވެސް އިނބަ ﷲ އަށް އީމާންވެ ޝުކުރުވެރިވެ ހެޔޮ ޢަމަލުކުރުމުގައި ސާބިތުވުމަކަށް ނުބުނެއެވެ."

އަދިވެސް ބައެއް މީހުން ދަންނަވާނެތެވެ! ދަރިންނާއި ގާތް މީހުންވެސް ދަންނަވާނެތެވެ. "އަހުރެންނަށް މިވެނިމިވެނި ފާފަތަކެއް ކުރެވުނީ އޭނާ ފޯރުކޮށްދިން މުއްސަނދިކަމުންނެވެ. އެފާފަތައް ކުރަން އޭނާ މަގުފަހިކޮށްދިނީއެވެ. އެފައިސާ ހެޔޮ ގޮތުގައި ބޭނުންކުރުމަކަށް އޭނާ ނުބުނެއެވެ. އިސްލާމް ދީނުގައި ސާބިތުވުމަށާއި އިނބަ ﷲ ގެ މަގުގައި ޞަދަޤާތްކުރާކަށް އޭނާ ނުބުނެއެވެ!

މިޝަކުވާއިން ސަލާމަތްވުމުގެ މަގު:

މީސްތަކުންނޭވެ! އަނބިދަރިންނަށް ނުވަތަ ޢާއިލާގެ މީހުންނަށް ނުވަތަ ދުރުމީހަކަށް ނަމަވެސް ފައިސާދީ އެހީތެރިވާނަމަ އީމާންކަން ވަރުގަދަކުރުމަށާއި އިސްލާމް ދީނާއި ދުރަށް ނުޖެހުމަށް ނަޞޭޙަތްތެރިވާންވާނެއެވެ. އަދި މަގުމަތިން ބައްދަލުވާ މީހުންނަށް ނުވަތަ އެނޫންވެސް ޙާލަތެއްގައި ބައްދަލުވާ މީހުންނަށް ޞަދަޤާތުގެ ގޮތުގައި އެއްޗެއް ދޭނަމަ ވެސް ކުރިން މިބުނިފަދައިން އީމާންކަމުގައި ސާބިތުވެ ހުރުމަށް ވަޞިއްޔަތްކުރާށެވެ!

ކިތަންމެ ވަގުތު ނެތި އުޅެމުންނަމަވެސް މީހަކަށް އެއްޗެއް ދޭއިރު އެއްޗެއް އެމީހާގެ އަތަށް ފޯރުކޮށްދިނުމަށްފަހު އެންމެ ކުޑަމިނުން އެ އެއްޗެއް އޭނާއަށް ދިނީ އޭނާގެ އަތުން ނަމަވެސް ދެވުނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަމަށާއި ﷲ ތަޢާލާއަށް ގިނަގިނައިން ޝުކުރުވެރިވުމަށް ބުނާށެވެ! އެއިރުން ކުރިން ބުނިފަދައިން ޤިޔާމަތް ދުވަހު ޝަކުވާކުރުމުގެ ފުރުޞަތެއް2 ނުލިބޭނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން