ﷲ ތަޢަލާގެ ރުހި ވޮޑިގަތުން ހޯދަން ޢަމަލުކުރަން އެންމެ ރަނގަޅު މަގާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެފަދަ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ނިކަން މިމަގުން މަސައްކަތް ކުރައްވަ ބައްލަވާށެވެ! މިލިޔުމުގައިވާ މަގުން ޢަމަލުކުރައްވަ ބައްލަވާށެވެ! ތަފާތު ފެނިލައްވާނެއެވެ. އިން ޝާ ﷲ ތިމާގެ ހިތް ﷲ ތައާލާއަށް ބިރުވެތިނުވާނަމަ ފުރަތަކަމަކަށް ތިބާ ދިރިއުޅޭ މާޙައުލު ބަދަލުކޮށްލާށެވެ! އެއީ މާބޮޑަށް އުރެދޭ މާޙައުލެއްގައި އުޅެވޭތީއެވެ. ހަމައެއާއިއެކު ނަމާދުކުރުން ގިނަކުރާށެވެ! އެކަހެރި ތަނެއްގައި ﷲގެ ޙަޟުރަތަށް ކުއްތަންވެ އެއިލާހު ހަނދުމަކުޅައުމުގައި މަޝްޣޫލުވާ ވަގުތު ގިނަކުރާށެވެ!
ﷲ އަށް އުރެދުނު މީހުނާމެދު ކަންވެދިޔަގޮތުގެ ވާހަކަ ކީރިތި ޤުރުއާނުން ދިރާސާކުރާށެވެ!
ބައެއް މީހުން ނަމާދަށް ދަނީ ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން އިނދެ ކީރިތި ޤުރްޢާން ކިޔަވާލައި އަދި ޛިކުރުކޮށްލަންވެސް މަޑުކުރުމުގެ އުންމީދުގައެވެ. ނަމަވެސް އެކަންކަން އޮންނަނީ ނުކުރެވިފައެވެ. ނަމާދުން އަވަދިވުމާއިއެކު އޮންނަނީ މިސްކިތން ފައިބަން އަވަސްވެގނެވިފައެވެ. އަދި ގޭގައި ޛިކުރުކޮށް ޤުރްއާން ކިޔަވަން މަސައްކަތްކުރި ނަމަވެސް އެކަންވެސް އޮންނަނީ ނުކުރެވިފައެވެ.
މިފަދަ ޙާލަތު މދުވެރިވާ މީހުން މިކަންކަމަށް ވިސްނައިލާށެވެ!
ހެޔޮކަމަކަށް ހިތްނޭދޭ ހާލު ހިތްޖެއްސުމަށްޓަކާ ތިމާއަށް އެކަން މަޖްބޫރުކޮށްގެން އެކަމެއްގައި ދެމިހުންނަން މަސަކަތްކުރުމަކީ އެންމެ ރަނގަޅުކަމެކެވެ. އަދި އެކަމުން އިރާދަކުރެއްވިއްޔާ ސަވާބުވެސް ލިބޭނެއެވެ. ކަންތައްތަކާމެދު ކެތްކުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
(އެހެންކަމުން ހިތް ނުއެދުނު ނަމަވެސް ކިތަންމެ ކުޑައިރުކޮޅަކަށް ނަމަވެސް މިސްކިތުގައި މަޑުކުރަންފަށާށެވެ! އެއަށްފަހު ވަގުތު އިތުރުކުރަން މަސައްކަތްކުރަން ފަށާށެވެ! ﷲ ކާމިޔާބު މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ)
އިމާމް މާލިކުގެފާނު ރިވާކުރައްވާގޮތުގައި ރަސޫލުﷲ އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވަތެވެ. އަދި ޙަދީޘުކުރައްވާފައި އެވެ.
كَمْ مِنْ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ يَوْمَ الْقِيَامَةِ أَيْقِظُوا صَوَاحِبَ الْحُجَرِ
މާނައީ: ދުނިޔޭގެ ނިޢުމަތާއި އަރާމުގައި އުޅެފައިވާ ވަރަށް ގިނަމީހުން އާޚިރަތުގައި ބޭޒާރުވެ ނިކަމެތިޙާލުގައި އުޅެން ދިމާވާނެއެވެ. އެހެންކަމުން ތިއަބައިމީހުން އަނބިދަރިން ނިދީން ހޭލައްވާ ދަމުނަމާދަށް ތެދުކުރާށެވެ. މިއެވެ. މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީއެވެ. والله أعلم
މަޢުލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު