ގިނަ ބައަކަށް އޮޅިގެން މިއުޅެނީ ބާރަށް ކުރިއަށް ދެވޭނެ މަގެވެ. ނުވަތަ ގޮތެވެ. އެހެންވެ ގިނަ ބައަކަށް މިދެވެނީ ގޮސްގެން ނުވާނެ މަގުތަކުންނެވެ. ވީމާ އުފާވެރިކަމާއި ތަނަވަސްކަމަށް އެދޭމީހާ ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮސްލާނަމެވެ.
އަހަރެމެންނަށް މިހާރު ފެންނަކަމަށް ބުނަނީ ބޮޑު މަންޒަރެވެ. އެއީ ތިމާއަށް އެހީތެރިވެދޭ މީހާއެވެ. އަތަށް ފައިސާދޭ މީހާއެވެ. އެހެންވެ ދުނިޔޭގައި އުޅެނީވެސް ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ބަދަލުގައި އެމީހަކަށް ތިމާގެ ފިކުރާއި ނަފްސްވެސް ވިއްކާލައިގެންނެވެ.
އެކަމަކު އެއީ ޙަޤީޤީ ބޮޑު މަންޒަރެއް ނޫނެވެ. ޙަޤީޤީ ބޮޑު މަންޒަރަށް ބަލާއިރު ފުރަތަމަކަމަކީ މުޅި ދުނިޔެ އެކަމެއް ކޮށްދޭން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވި ނަމަކަމެވެ. އަދި މުޅި ދުނިޔެ ދެކޮޅަށް މަސައްކަތްކުރި ނަމަވެސް ދެވޭނެ އެއްވެސް ގެއްލުމެއްވެސް ނެތެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއް މެނުވީއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަންކަމެވެ.
ދެން ބަލައިލަންވީ މިޙަދީޘްފުޅުގައިވާ ﷲ ތަޢާލާގެ ބަސްފުޅަށެވެ. "ތިމަން ﷲ ގެ އަޅުން (އަޅުތަކުން) އެދޭފަދައިން ތިމަން ﷲ ގެ އަޅާ އާއިއެކު ވޮޑިގެންވަމެވެ."
މިއީ ކިހައި މާނަހުރި ބަސްފުޅެއް ހެއްޔެވެ؟ އެންމެހައި ކާއިނާތްތަކުގެ ވެރި ރައްބުލް ޢާލަމީން ބަޔާންކުރައްވަވާފައި އެވަނީ އަހަރެމެން، އެމީހަކު އެދޭފަދައަކުން އެމީހަކާއިއެކު އެކަލާނގެ ވޮޑިގެންވާ ކަމަށެވެ. އެފަދައިން ﷲ ތަޢާލާ އަހަރެމެންނާއިއެކު ވޮޑިގެންވަނިކޮށް އަހަރެމެންނަށް ގެއްލުމެއް ދެވޭނީ ކާކަސް ހެއްޔެވެ؟ ޙާޞިލް ނުކުރެވިގެން ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟
މިއަދު އަހަރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލާނެ ވަގުތެއްވެސް ނުވަނީއެވެ. ވީމާ ﷲ ތަޢާލާ އަހަރެމެންމަތިން ހަނދުމަ ކުރެއްވެވުމުގެ ފުރުޞަތު ގެއްލިގެންދަނީއެވެ. ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްވެސް ނުކުރެވެނީއެވެ. ވީމާ ﷲ ތަޢާލާ އަހަރެމެންނާއި ކުއްތަންވެވޮޑިގަތުމުގެ ފުރުޞަތުވެސް ގެއްލިގެންދަނީއެވެ.
މިހުރިހާ ކަންކަން ކުރިމަތިމިވަނީ ހަމަ އަހަރެމެންގެ އިހުމާލުންނެވެ. "ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލައި ކުރަން އެންގެވި ކަންކަން ނުކޮށް" ފަރުވާކުޑަކުރެވެނީއެވެ. އަހަރެމެންގެ ފަޅިން ފަރުވާކުޑަކޮށްލައިގެން ތިބެފައި ކަމެއް ޖެހުމުން ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގާއި މަދަދަށް އެދުމުން އެކަމުގެ އެންމެ ފުރިހަމަ ނަތީޖާ ނުފެނިދަނީއެވެ.
އެވަރުންވެސް ﷲ ތަޢާލާ އެގެންދަވަނީ އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުން އަހަރެމެންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރައްވަވައި ދެއްވަވަމުންނެވެ. ދަތި ޙާލަތެއް ކުރިމަތިކުރައްވަވަނީ ހާދަމަދުންނެވެ! އެއީވެސް އަހަރެމެންނަށް އެކަން ވިސްނި އަނބުރައި އެކަލާނގެ މަގަށް ރުޖޫޢަވުމަށް ދަޢުވަތު ދެއްވެވުމަށެވެ.
މީސްތަކުންނޭވެ! އާދޭސްކޮށްފައި ބުނަމެވެ. މިޙަދީޘްފުޅު ރަނގަޅަށް ކިޔައި އުނގެނޭށެވެ. މިކިޔައިދިން ވާހަކަތަކަށް ވިސްނާށެވެ! ެ. "ތިމަން ﷲ ގެ އަޅުން (އަޅުތަކުން) އެދޭފަދައިން ތިމަން ﷲ ގެ އަޅާ އާއިއެކު ވޮޑިގެންވަމެވެ." އޮތް ބަސްފުޅުން ނެގެންހުރި ފައިދާ އެންމެ ބޮޑަށް ނަގަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ހުރިހާ ކަންކަންވެސް ތިބާ އެދޭފަދައިން ޙާޞިލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ
It was narrated on the authority of Abu Hurayrah, may Allah be pleased with him, that the Prophet said: “Allah, The Exalted, Says, ‘I am as My slave expects Me to be, and I am with him whenever he remembers Me. If he remembers Me to Himself, I remember him to Myself, and if he remembers Me in an assembly, I remember him in a better assembly (i.e., the assembly of angels). If he draws closer to Me by a hand span, I draw closer to him by an arm’s length. If he draws closer to Me by an arm’s length, I draw closer to him by a fathom’s length. And whoever comes to Me walking, I go to him at speed.’” [
Al-Bukhari and Muslim]
--އިސްލާމީ ތިލަފަތުގެ ދަރުސަކުން