ބައިވެރިޔާއަށް ނުވަތަ ލޯބިވެރިޔާއަށް ނަމަވެސް ދޮގާ މަކަރުހަދާނަމަ ފަތުގައި ލިޔުއްވަވާނެ! މީޒާނުގަ ކިރަންވެސްޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ބައިވެރިޔާއަށް ނުވަތަ ލޯބިވެރިޔާއަށް ނަމަވެސް ދޮގާ މަކަރުހަދާނަމަ ފަތުގައި ލިޔުއްވަވާނެ! މީޒާނުގަ ކިރަންވެސްޖެހޭނެ!

ދޮގުހަދަން ފަށައިފިނަމަ ނުބައި ކަންކަން ކުރަން ބިރުކެނޑިގެންދާނެއެވެ. އެކަމުގެ ސަބަބުން ބޮޑެތި ފާފަތަކަށް އަރައިގަންނަން ބިރުކެނޑިގެންވެސްދާނެއެވެ. ބައިވެރިޔާއަށް ދޮގުހެދޭނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ. އެމީހަކު އެކަމަށް ދެވިހިފާނެއެވެ. އެކަމުގެ ސަބަބުން ދިރިއުޅުން ހަލާކުވެގެންދާނެއެވެ. ބަނގުރޫޓުވެގެންދާނެއެވެ.

ދޮގުހެދުން ސިފަކުރައްވަމުން ޢިލްމުވެރިއަކު ވިދާޅުވެފައެވެ. "ދޮގު ހެދުން މިހާރުވެފައިވަނީ މުޅިދުނިޔެއަށް ފެތުރިފައިވާ މަދިރީގެ ވަބާއެއް ފަދަ ކަމަކަށެވެ. އެމަދިރި ހަފާތީ ގައިކަހަން ނުޖެހޭ ހަމައެކަކު މިހާރު ދުނިޔެއަކު ނެތެވެ. ފަހަރެއްގައި އެގެއެއްގައި މަދިރި ނުއުޅެފާނެއެވެ. ނަމަވެސް އެހެން ގެތަކުން އަންނަ މަދިރި ހަފާތީ ނަމަވެސް ގައިކަހަން ނުޖެހޭ މީހަކު މިހާރަކު ނެތެވެ."

ދޮގުހެދުމަކީ އިސްލާމްދީނުގައި ކުށްވެރިވެ އަދަބު ދޭންޖެހޭ ކަމެއް ނަމަވެސް ކޯޓޫތަކުން އެކަން އެކަން ނުކުރަނީ ދޮގުހެދުން ގިނަވެ ކޯޓޫގައި ޙުކުމްކުރަން އިންނަ މީހާއަށްވެސް އަދަބުދޭންޖެހިދާނެތީކަމަށްވެދާނެއެވެ. އަދި ދޮގުހެދުމުން އަދަބުދޭންޖެހޭނެ ކަމަށް ޤާނޫނުގައި ފާސްނުކުރަނީ އެމީހުންނަށްވެސް އަދަބުދޭންޖެހޭނެތީ ކަމަށްވެދާނެއެވެ.

ދޮގުހެދުމަކީ ކުރެވޭ ފާފައެއްކަމަށް ނުދެކި ބައިވެރިޔާއަށާއި ލީބިވެރިޔާއަށް ދޮގުހަދައި ކަންކަން އޮޅުވައިލާ މީހުން ދަނީ ގިނަވަމުންނެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް ކުށެއް ކުރެވުމުން ދޮގެއް ބުނެ ކަމުގެ ޙަޤީޤަތް އޮޅުވައިލެވިއްޖެ ނަމަ އެއޮތީ ބޮޑު ކާމިޔާބީއެއް ހޯދިފައި ކަމަށެވެ. މައްސަލަ ޙައްލުވެ ނިމުނީ ކަމަށެވެ.

މީގެ އިތުރުން ތިމާ އެދޭ ދުނިޔަވީ ކޮންމެވެސް ކަމެއް ޙާޞިލުކުރުމުގެ ދަހިވެތިކަމުގައި އަނެކާ ދެކެ ލޯބިނުވެ ހުރެ ލޯބިވާކަމަށް ބުނެ ތިމާ އެދޭ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ. މީގެތެރޭގައި ގެދޮރާއި މުދަލާއި ފައިސާ އާއި ޖިންސީ އެދުންތައް ޙާޞިލުކުރުންވެސް ހިމެނިގެންވެއެވެ.

މިފަދަ މީހުން ފުރަތަމަވެސް ވިސްނައިލަންވީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ މިއާޔަތަށެވެ.

﴿مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ [ق: 18]

މާނައީ: "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ."

މިއާޔަތުގައި "ކުރާ ޢަމަލުތައް" ކަމުގައި އެވަނީ އަތުންފައިން ކުރާ ކަންކަމަކަށް ނޫނެވެ. ދުލުން ބުނާ ބަސްތަކަކީވެސް ތިމާ ކުރާ ޢަމަލެވެ.

﴿وَإِنَّ عَلَيْكُمْ لَحَافِظِينَ [10] كِرَامًا كَاتِبِينَ [11] يَعْلَمُونَ مَا تَفْعَلُونَ [12]﴾ [الانفطار: 10- 12]

މާނައީ: "އަދި ހަމަކަށަވަރުން، ތިއަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. [10] (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. [11] ތިއަބައިމީހުން ކުރާ ކަންތައް އެމަލާއިކަތުން ދެނެވަޑައިގެންވެއެވެ. [12]"

މީސްތަކުން ދުލުން ބުނާ ބަސްތަކުގެ ސަބަބުން ކުރެވޭ ފާފަތައް ބޮޑުވެފައި ގިނަކަން ބަޔާންކުރެއްވެވުމުގެ ގޮތުން އިބްނު މަސްޢޫދު رضي الله عنه ވިދާޅުވެފައިވެއެވެ.

"އެއިލާހު ފިޔަވާ އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކު ނުވާ، ﷲ ގަންދެއްވަމެވެ. ބިން މަތީގައި ދިގު މުއްދަތަކަށް ޖަލުގައި ބެހެއްޓުމަށް، ދުލަށްވުރެ ޙައްޤުކަން ބޮޑު ފަރާތެއް ނުވެއެވެ"

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"އޭނާ ބުނާ ހެޔޮ ބަސްތަކާއި ނުބައި ބަސްތަކުގެ ތެރެއިން އެންމެހާ ބަސްތައް ލިޔުއްވައެވެ. އެހެނީ ތިމަން ކައިފީމޭ، ތިމަން ބޮއެފީމޭ، ތިމަން ދިޔައީމޭ، ތިމަން އައީމޭ، ތިމަން ދުށީމޭ، މިފަދައިން އޭނާ ބުނާ ބަސްތައްވެސް ލިޔުއްވައެވެ."

މިފަދަ އެތައް ވަޙީ ބަސްފުޅުތަކާއި ޙަދީޘްފުޅުތައް ހުރި ނަމަވެސް ދޮގުބުނެ އޮޅުވައިލުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަންކުރަން ބިރުގަންނަ މީހަކު އުޅޭކަމަކަށް ނުވެއެވެ. ލޯބިވެރިޔާ ގާތުވެސް، ބައިވެރިޔާ ގާތުވެސް އަދި އެންމެން ގާތުގައިވެސް ދޮގުހަދައި އޮޅުވައިލުމަކީ ފާފައެއް ކަމަށް ދެކޭ މީހަކުވެސް ނުއުޅޭ ފަދައެވެ.

ދޮގުބުނުމުން ކޯޓުތަކުން މިއަދު އަދަބު ނުދިންނަމަވެސް ދޮގުބުނުމުން އަދަބުދޭން އިސްލާމް ދީނުގައި އެބައޮތެވެ. ޢުމަރުގެފާނު ވަނީ ދޮގުހެދުމުން ތަޢްޒީރުކުރައްވައިފައެވެ. ނަމަވެސް ޙުކުމްކުރަން ތިބި މީހުން މިއަދު ޢަމަލުކޮށް އަދަބުނުދެނީއެވެ. އެއްވެސް ކޯޓަކުން އަދަބު ނުދިންނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި ޖެހޭނީ އަދަބު ލިބިގަންނަންކަން އިސްވެ ބަޔާންކުރި ދަލީލުތަކުން ވަރަށް ރަނގަޅަށް އެނގި ޔަޤީންވެގެންދެއެވެ.

ވީމާ ނަރަކައިން ސަލާމަތްވާން އެދޭ މީހާ ދޮގުބުނުމާއި ދުރުހެލިވާށެވެ! އެކަން ނުކުރާށެވެ! ލޯބިވެރިޔާ ގާތުގައިވެސް ބައިވެރިޔާ ގާތުގައިވެސް ކިތަންމެ ކުޑަނަމަވެސް ދޮގެއް ނުބުނާށެވެ! އެކަމުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވާށެވެ! ލޯބިވެރިޔާއަށް އަދި ބައިވެރިޔާއަށް ދޮގުހަދަން ބުނާބަސްތައް ތިމާ ނަރަކައަށް ވައްދާނެކަމަށް މިބުނި ބަހުގެ މާނައަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން