ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި އަހަރު އަލަށް ތަޢާރަފްކޮށްފައިވާ ބެޗެލަރ އޮފް ސައެންސް އިން ކްލައިމެޓް ޗޭންޖް ޑިގްރީ ޕްރޮގްރާމުގައި ކިޔެވުމަށް 15 ސްކޮލަރޝިޕް ފުރުޞަތު މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ހިންގާ އެންދެރި މަޝްރޫޢުން ވަނީ ހުޅުވާލާފައެވެ.
މި ކޯހަކީ ސައިންސް މެދުވެރިކޮށް މޫސުމީ ބަދަލުތަކުގެ އަސްލު ދެނެގަތުމާއި، މި ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އިންސާނީ ސިއްހަތަށް ކުރާ އަސަރުތަކާއި، މި އަސަރުތައް ކުޑަކޮށް މި ފަދަ ބަދަލުތަކަށް ހޭނޭނޭގޮތްތަކާއި ވަޞީލަތްތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

އެންދެރި މަޝްރޫޢުގެ ޝްކޮލަރޝިޕް ހާއްސަކޮށްފައިވަނީ އެމް.އެން.ޔޫގެ ލާމު ގަމު ކެމްޕަސްގައި ބްލެންޑެޑް މޯޑުގައި މި ކޯސް ފުރިހަމަކުރަން ބޭނުންވާ ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕްގައި ކޯސްފީގެ އިތުރުން މަހަކު 4500 ރުފިޔާގެ ސްޓައިޕެންޑާއި، ބުކް އެލަވަންސް އަދި ފީލްޑްޓްރިޕް އެލަވަންސްވެސް ހިމެނެއެވެ. ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި ފެބްރުއަރީ މަހުގެ 18 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.
މި ކޯހާ ބެހޭ އިތުރު މަޢުލޫމާތު އެމް.އެން.ޔޫގެ ވެބްސައިޓް (https://courses.mnu.edu.mv/course/287) މެދުވެރިކޮށް ލިބޭނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހޭނީ އެމް.އެން.ޔޫގެ ޕޯޓަލް (portal.mnu.edu.mv) މެދުވެރިކޮށެވެ.