ދަތިޙާލެއް ކުރިމަތިވުމުން އަރައިގަތުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ހެޔޮލަފާ އަނބިން ދޭ ނަޞޭޙަތް ޤަބޫލުކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަތިޙާލެއް ކުރިމަތިވުމުން އަރައިގަތުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ހެޔޮލަފާ އަނބިން ދޭ ނަޞޭޙަތް ޤަބޫލުކުރުމުން!

ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ އެކަމުން އަރައިގަތުމަށްޓަކައި ޚަރަދުތައް ކުޑަކުރުން ފަދަ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ހެޔޮލަފާ އަނބިން ނަޞޭޙަތްދޭނެއެވެ. އެކަމަށް ބާރުވެސް އަޅާނެއެވެ. އެގޮތުން ކޮންމެހެން ކުރަން ނުޖެހޭ ޚަރަދެއް ނުކުރުމަށްވެސް ބާރުއަޅާނެއެވެ.  

އަނބިން އެގޮތަށް ބާރުއެޅުމުން ބައެއް ފިރިންނަކަށް ކަމަކު ނުދެއެވެ. އެމީހުންނަށް ކުރެވެމުން އަންނަ ބައެއް ޚަރަދުތައް ކުރުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ އަނބިމީހާގެ ކިބައިން އުފާ ހޯދުމުގެ ބަދަލުގައި ހިލޭ އަންހެނުންގެ ކިބައިން ހިތްހަމަޖެހުން ހޯދަން ފަށައެވެ. އެކަން ވެގެންދަނީ މާލީ ފަތިކަން އިތުރަށް ބޮޑުވެގެންދާ ކަމަކަށެވެ.  

ބުނަންހެއްޔެވެ؟ އުފާވެރިކަން ކަމުގައި ބައެއް ފިރިހެނުން ދެކޭ ކަންކަން އެމީހުންނަށް ޚަރަދުކުރާނަމަ ކޮންމެ އަންހެނަކުވެސް ކޮށްދީފާނެއެވެ. ނަމަވެސް ޙަޤީޤަތުގައި އެގޮތަށް އެހޯދެނީ އުފާވެރިކަމެއް ނޫނެވެ. އެކަން ވާނީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއަކަށެވެ. އެކަމުގެ ސަބަބުން މީހާ އިތުރަށް ނިކަމެތިވުން ނޫންކަމެއް ނުވާނެއެވެ.  

ވަރަށް ކެރި ހުރެގެން ބުނަމެވެ. ހެޔޮލަފާ އަނބިން ދޭ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް މަގުފަހިވާ އެންމެ ބޮޑު ސަބަބެވެ. އެކަން އެނގެނީ ދަތިޙާލުން އަރައިގަނެވިފައިވާ މީހުންގެ ތަޖުރިބާއިންނެވެ.  

ދެން މިގޮތަށްވެސް ވިސްނައިލާށެވެ. ހެޔޮލަފާ އަނބިން ފިރިމީހާގެ ގާތުގައި ޚަރަދުކުޑަކުރަން އެދެނީ އެމީހުންގެ ޚަރަދުތައްވެސް ކުޑަކުރުމާއިއެކުގައެވެ. ވީމާ އެކަމުގައި ފުތަމަ އެ ޤުރްބާންވަނީ އަމިއްލައަށެވެ. އަދިވެސް ވިސްނައިލާށެވެ. އަނބިމީހާގެ ބަސް ޤަބޫލުނުކޮށް ތިއައުޅޭ ގޮތަށް އަނބިމީހާ އުޅެންފަށައިފިނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ މިޒަމާނުގައި އަނބިންނަކީވެސް ކޮށްޓެއްގައި ބަންދުކޮސްފައި ތިބޭ ދޫނިތަކެއް ފަދަ ބައެއް ނޫނެއް ނޫންހެއްޔެވެ؟

 

-  ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން