ދިރިއުޅުމުގަ ކުރިމަތިވާ ކަންކަމާއި ގުޅިގެން ޝަކުވާކުރަންޖެހޭނަމަ މިކަންކަމަށް ސަމާލުކަންދީގެން ޝަކުވާކުރާނަމަ ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ: އިމާމް މާޒިން ޢާދިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ދިރިއުޅުމުގަ ކުރިމަތިވާ ކަންކަމާއި ގުޅިގެން ޝަކުވާކުރަންޖެހޭނަމަ މިކަންކަމަށް ސަމާލުކަންދީގެން ޝަކުވާކުރާނަމަ ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ: އިމާމް މާޒިން ޢާދިލް

ވިސްނައިލާށެވެ! ނަމާދުކުރަންވެސް ވަކި ވަޤުތުތަކެއް ކަނޑައަޅުއްވަވާފައިވެއެވެ. ނަމާދުކުރަން ކުރަންވީ ކަންތައްތަކެއްވެސް އަދި ކޮންމެ ކަމެއް ކުރަންޖެހޭނެ މިންވަރުވެސް ކަނޑައެޅިފައިވެއެވެ. ކޮންމެ ވަޤުތަކު ކޮންމެ ނަމާދެއްވެސް ކުރެވޭނެ ނަމަ 5 ނަމާދު އެއްފަހަރާވެސް ކުރެވޭނެ ނޫންހެއްޔެވެ؟ އަދި ކޮންމެ ގޮތަކަށް ނަމާދުކުރިޔަސް އެކަމުން ފައިދާކުރާނެ ނަމަ ކުރާ ހުރިހާ ނަމާދުތަކެއް ޤަބޫލުފުޅުވެސް ކުރައްވަވާނެ ނޫންހެއްޔެވެ؟ 

ދިރިއުޅުމުގެ ކަންކަމުގައިވެސް ހަމަ މިފަދައިން ވިސްނަންވާނެއެވެ. ކޮންމެ ކަމެއްވެސް އެކަމަކަށް އެންމެ ރަނގަޅު، އެންމެ ފައިދާހުރި ވަޤުތުގައިކުރަން ސަމާލުކަންދޭންވާނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ އެކަމެއް ކުރަން އެންމެ ރަނގަޅު ވަޤުތަށް ބަލައި އެގޮތަކަށް ކަންތައް ކޮށްގެންނެވެ. 

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކުރަންޖެހޭ ޝަކުވާތަކެއް ހުންނާނެއެވެ. މަޝްވަރާކުރަންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެއެވެ. އެއީ ކޮންމެ ދެމަފިރިއަކީވެސް ތަފާތު މިޒާޖުގެ ދެމީހުން ކަމުގައިވާތީއެވެ. މިޒާޖު ކިތަންމެ އެއްގޮތް ނަމަވެސް ޚިޔާލުގައި ތަފާތުތަކެއް ހުންނާނެތީއެވެ. ބޭނުންތަކުގައިވެސް ތަފާތުތަކެއް ހުންނާނެތީއެވެ. 

ޝަކުވާކުރަންޖެހޭ ކަންކަމުގައި ޝަކުވާ ކުރަންވެސް އިންތަކެއް ގެންގުޅެންޖެހޭނެއެވެ. އަދި ކިތަންމެ ގިނައިން ޝަކުވާކުރިނަމަވެސް ޝަކުވާކުރާއިރު ރުޅިއިސްކޮށްގެންވެސް ނުވާނެއެވެ. ޚާއްޞަކޮށް އެކަކު އަނެކަކަށް އެއްވެސް ޙާލެއްގައި އަތްއިސްކޮށްގެން ނުވާނެއެވެ. ނުބައި ބަސްތައް ބުނެގެން ނުވާނެއެވެ. 

މިކިޔައިދޭ ވާހަކައަށް ފުންކޮށް ވިސްނާށެވެ! ވިސްނައިފިނަމަ ޢިބްރަތެއް ޙާޞިލުކުރެވޭނެއެވެ! 

މީހަކު އޭނާގެ އަނބިމީހާގެ ގައިގާ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އަދި ފުލުހުން އެ މަސަލަ ކޯޓަށް ހުށަހަޅައި ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިއައެވެ. ޖެހި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ބުނީ ކެތްތެރިކަން ކޮޅުންލުމުން ޖެހުނީ ކަމަށެވެ. ކެތްތެރިކަން ކޮޅުންލީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ކިޔައިދޭން ފެށިއެވެ. 

"ރޭގަނޑު މަސައްކަތް ނިންމާފައި ގެއަށް ދިއަ އިރަށް އަނބިމީހާ ޝަކުވާކުރަން ފެށީއެވެ. މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެގެން ކަމަށާއި ކާނެ އެއްޗެއް ދިނުމަށް އެދުމުން އެކަމަށްވެސް ސަމާލުކަން ނުދީ ހަމަ ޝަކުވާ ކުރަނީއެވެ. ދެން ނުކައި ނިދަން އޮށޯތުމުން ވެސް ހަމަ ޝަކުވާ ކުރަނީއެވެ. ތަންކޮޅެއް ބާރަށް ބަހެއް ބުނުމުން ހުއްޓާލާފައި އަނެއްކާވެސް ކޮންމެވެސް ކަމަކާއިމެދު ޝަކުވާކުރަން ފަށަނީއެވެ." 

ފަނޑިޔާރު ސުވާލުކުރިއެވެ. ދެންވީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. އަނެއްކާވެސް ދެންވީ ކިހިނެއްތޯ ސުވާލުކުރުމުން އަނެއްކާވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. ފަނޑިޔާރު ދެފަހަރަކު އިތުރަށް ސުވާލުކުރުމަށްފަހު ތަންކޮޅެއް ރުން ކުރު ގޮތަކަށް ބުންޏެވެ. "އަދިވެސް އަނބިމިހާގެ ގައިގަ ޖެހި ސަބަބު ބުނެއެއް ނުދެމެއް ނޫންހެއްޔެވެ؟" 

ޖަވާބުގައި އެމީހާ ބުންޏެވެ. "ދެންވީގޮތް ތިއަ އެނގެނީ ނޫން ހެއްޔެވެ؟ 2، 3 ފަހަރު އަހަރެން ޖަވާބެއް ދޭއިރަށް ފަނޑިޔާރު މިހާރު ތިއައިނީ ރުންކުރުވެ ރަތަށް އަރައިފައެވެ. އަދި މިވީ އެންމެ 5 ވަރަކަށް މިނިޓެއްހައި އިރެވެ. އަހަރެން ކުރިކަމެއް ކުރީ މުޅި ރޭގަނޑު ހަތަރުދަމު އަނބިމީހާގެ ޝަކުވާތައް އަޑުއަހަން އޮތުމަށްފަހުގައެވެ. ވަރުބަލިވެ ނިދިއައުމުން ނިދަންވެސް ފުރުޞަތު ނުދިނުމުންނެވެ." 

މިއީ ވިސްނައިލުން ރަނގަޅު ހާދިސާއެކެވެ. 

މީސްތަކުންނޭވެ. ވިސްނައިލުން ރަނގަޅުވާނެއެވެ. ކިތަންމެ ގިނައިން ޝަކުވާކުރި ނަމަވެސް އަނބިންގެ ގައިގައި ނުޖަހާށެވެ. އަންހެނުން އުފައްދަވާފައިވަނީ ޖިސްމާނީ ގޮތުން ވަރަށް ބަލިކަށި ބައެއްގެ ގޮތުގައެވެ. ވީމާ ބާރުގަދަ މީހުން އެމީހުންނަށްވުރެ ބަލިކަށި ބައަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ހަމަ އެފަދައިން އަނބިންނަކީވެސް ފިރިންގެ ބޮލުގައި ކާޅުކޮށާހެން ކޮށައި ކާޅު އަބަދު "ކާންކާން" ގޮވާހެން އަޑުލައްވާ ބައަކަށް ވެގެންވެސް ނުވާނެއެވެ. ޝަކުވާކުރަން ހުރިނަމަ އެކަން ވެސް ކުރަންވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައެވެ. ނޫން ނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވުމެވެ. 

އަނބިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ފިރިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ދެމީހުންވެސް އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. މަޞްލަޙަތު ހިފެހެއްޓޭނީ އެއިރުންނެވެ.

 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

މިއަދު އޮންލައިން