ޤިޔާމަތް ދުވަހުގެ ކަންކަމަށް މިއަދު ކިތަންމެ ވަރަކަށް ވިސްނިޔަސް އެނގޭނީ ނުވަތަ ވިސްނޭނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. ޔަޤީންކުރަންވީ ކަމަކީ އެއީ ކިތަންމެ ވަރަކަށް ވިސްނިޔަސް ޚިޔާލަށް ނުވެސް ގެނެވޭނެ ކަންތައްތަކެއް ފެނިގެންދާނެ ދުވަހެއް ކަމެވެ.
މިޘާލަކަށް އެބޮޑު ބިޔަ ނަރަކައިގައި ޗޭނުތަކެއް ޖައްސަވައި މަލާއިކަތުން އެނަރަކަ ދަންމަވައި މީސްތަކުންނާއި ކައިކުރައްވަވާނެ ގޮތް ޚިޔާލަށްވެސް ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަރަކަ މީސްތަކުންނަށް ބޭނުންވެގެން އަޑުނެރޭނެ ގޮތް މިއަދު ވިސްނާނީވެސް ކިހިނަކުން ހެއްޔެވެ؟ އެނގޭ ކަމަކީ އެއީ އަލިފާންގަނޑެއް ކަމެވެ.
ޤިޔާމަތް ދުވަހުގެ ނުވަތަ އެދުވަހު ހިނގާނެ ކަންކަން ޤުރްއާނާއި ޙަދީޘްފުޅުތަކުން ކޮންމެވެސް މިންވަރަކަށް އެނގެން އޮތްނަމަވެސް އެކަންކަން ހިނގާނެ ސިފަކުރާކަށް ނުވެސް އެނގޭނެއެވެ. މިޘާލަކަށް ޤިޔާމަތް ދުވަހު ޢަރުޝިގެ ހިޔާވަހިކަން ދެއްވަވާނެ ބައަކު ތިބޭނެއެވެ. އެހެނަސް އެހިޔާވަހިކަން އެމީހަކާއި ހަމައަށް އަންނާނީ ނުވަތަ ލިބޭނީ ކޮން ގޮތަކަށް ކަމެއް މިއަދަކު ނުއެނގެއެވެ.
ފަހަރެއްގައި ހިޔާ ލިބޭ ބޮޑު ގަހެއް ހުރެވެސް ދާނެއެވެ. ނުހުރެވެސް ހިނގައިދާނެއެވެ. ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުލަދުންވަންތަ ރަސްކަލާނގެއެވެ. ވީމާ ހިޔާ ދެއްވަވަން ބޭނުންފުޅުވެވޮޑިގަންނަވާ އަޅަކަށް ހިޔާ ދެއްވަވަން ކޮންމެހެން ގަހަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ.
ޔަޤީންކުރަންވީ ކަމަކީ ޤިޔާމަތްދުވަހުގެ ގަދަހޫނުންނާއި ބިރުވެރިކަމުން ރައްކައުތެރިކަން ދެއްވަވާނެ އަޅުންނަށް ރައްކައުތެރިކަން ދެއްވަވާނެކަމެވެ. އެކަމަށް ޝައްކުކުރުމެއް ނެތެވެ. އެކަން މިންވަރުކުރައްވަވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އެދުވަހަކީ އިރު މޭލަކަށް ތިރިވެފައި ހުންނާނެ ދުވަހެވެ. އިރުގެ ގަދަހޫނުން މީސްތަކުން ވާނީ ވަރަށް ގަދަ ހޫނެއްގައެވެ. ގައިން ފައިބާ ދައު ގިނަވެ ފެންގަނޑު ބޮޑުވާނެއެވެ. ވާހަކަ ދައްކަން އަނގަހުޅުވައިލަން އުޅޭއިރަށް އެދައުތައް އަނގައަށް ވަންނާތީ އެއްވެސް ވާހައެއް ނުދެއްކޭނެ މީހުން ތިބޭނެއެވެ.
އެކަން އެގޮތަށް މިންވަރުކުރައްވަވަނީ އެމީހުން ދުނިޔޭގައި ތިބެ ކުޅަ ފާފަތަކުގެ ސަބަބުންނެވެ. އެގޮތަށް އެކަން މެދުވެރިކުރައްވަވާނެކަން އަހަރެމެންނަށް އެބަ އެނގެއެވެ. އެކަމަކުވެސް އެއްވެސް ބިރެއްނެތި ފާފަތައް ކުރަނީއެވެ. ވީމާ އެޙާލަތަކީވެސް އެމީހަކު އަމިއްލައަށް ލިބިގަންނަ ޙާލަތެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން