ހުކުރު ދުވަސް ފަތިސްނަމާދުގެ ޖަމާއަތުން ނުފެށިނަމަ އެމީހަކު އެވަނީ ފޭލްވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ހުކުރު ދުވަސް ފަތިސްނަމާދުގެ ޖަމާއަތުން ނުފެށިނަމަ އެމީހަކު އެވަނީ ފޭލްވެފަ!

ހުކުރު ވިލޭރޭ ފަތިސްވުމާއިއެކު ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަމުގެ މެސެޖުތައް ލިބެން ފަށައެވެ. ކުރަންވީ ކަންކަންވެސް އަންގައިދޭ މެސެޖުތަކެވެ. އެހެނަސް އެ މެސެޖު ފޮނުވާ މީހުންގެ ތެރެއިން މަދުމީހަކު ނޫނީ ފަތިސްނަމާދުގެ ޖަމާޢަތަކުން ނުފެނެއެވެ.  

އެއިރުން މިވަނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދު ކަމުގައިވާ ޖަމާޢަތުގައިކުރެވޭ ހުކުރުވިލޭރޭގެ ފަތިސްނަމާދު ނުކުރެވުނީއެވެ. ލިސްޓުން ފޭލްވީއެވެ.

ދެން ބުނެލަން އޮތީ ފަތިސްނަމާދު ނުކޮށްހުރެ ކުރެވޭނެ ހުކުރެއް އޮންނާނެ ގޮތެއް އަހުރެންނަށް ނުއެނގޭކަމެވެ. އަދި އަހުރެންގެ ވިސްނުމުގައި ޤަޟާކުރުން އޮތީވެސް ފަތިސްނަމާދަށް ހޭލަން ކުރަންޖެހޭ މަސައްކަތްކުރުމުންވެސް ނުހޭލެވިއްޖެނަމައެވެ. ހޭލަން މަސައްކަތްނުކޮށް ނިދާފައި އޮވެއްޖެނަމަ އެކަން ޤަޞްދުގައި ނަމާދުއެޅުމުގެ ތެރެއިން ހިމެނިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބައެއް ޢިލްމްވެރިން ދެކެލައްވައެވެ. އެހެން އެވިދާޅުވަނީ ފަތިސްނަމާދަށް ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް ހޭފުޅު ނުލެއްވެވުނު ހަމައެކަނި ރޭ އަވަހާރަފުޅު ލެއްޕެވީ ހޭފުޅު ލައްވަވަން ކުރެއްވެވެންހުރި ހުރިހާ ކަމެއް ކުރައްވަވައިގެން ކަމަށްވާތީއެވެ. ފާރަވެރިއަކުވެސް ބަހައްޓަވައިގެން ކަމަށްވާތީއެވެ.  

އެދުވަހަށް ހުކުރު ދުވަސްކީ ނަމަވެސް ހުކުރު ދުވަހުވެސް ދުވަސް ފެށެނީ ފަތިސްނަމާދުން ކަމުގައިވާތީ ﷲ ތަޢާލާ އެންގެވި ގޮތަށް ދުވަސް ފެށިކަމަށްވާނީ ޖަމާޢަތުގެ ފަތިސްނަމާދުން، އެންމެ ކުޑަމިނުން ފަތިސް ނަމާދުން ދުވަސްފެށިނަމައެވެ.  

ދެން ބުނެލަން އޮތީ ފަތިސް ނަމާދުނުކޮށްހުރެ ހުކުރަށް ދެވުނު ނަމަވެސް ފުރަތަމަކަމަކަށް ފަތިސްނަމާދުގެ 2 ރަކްޢަތް ޤަމާކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ އިހުސުންނަތުގެ 2 ރަކްޢަތްވެސް ޤަޞާކުރުމެވެ. ކަހްފި ސޫރަތް ކިޔެވުމާއި އެހެން އަޅުކަން ކުރުމުން ވެސް ފައިދާކުރާނީ ފަރުޟް ނަމާދުތައް ކުރުމުން ކަމުގައިވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި އިތުރު ލިޔުމެއް:  

މިހާރަކަށް އައިސް ގިނަ ބައަކު އަވަދިނެތި އުޅެނީ ހުކުރު ދުވަހުގެ މާތްކަން އެހެން މީހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކިޔައިދޭށެވެ. އެއީ އިތުރު ޘަވާބު ހޯދަން ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކެވެ.  އެހެން މީހުންނަށް ކަންކަން ހަނދާންކޮށްދިނުމަކީ ވަރަށް މަތިވެރި އަޅުކަމަކަށްވާތީއެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރެވޭ މަސައްކަތަކަށްވާތީއެވެ.  

ހިތާމައަކީ ތިމާ ހެޔޮ އަމަލުކުރާ މިންވަރު މަދުކަމެވެ. ކުރަންވީ ކަންކަން އެހެން މީހުންނަށް ބުނެދިން ނަމަވެސް ތިމާއަށް ނުކުރެވޭ ކަމެވެ. ރަނގަޅު ވާހަކައެކެވެ. އެހެން މީހުންނަށް ނަޞޭހަތްތެރިވުމަކީވެސް ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ތިމާ ދޭ ނަޞޭހަތަށް ތިމާ އަމަލު ނުކުރާނަމަ ދެން އެވީ ކިހިނެއް ހެއްޔެވެ؟  

އެހެން މީހުންނަށް ޤާނޫނު ކިޔައިދޭއިރު ތިމާ އަމަލު ނުކުރާނަމަ އަބަދުވެސް ތިމާ ހުންނާނީ ފޭލްވެ ކުށްވެރިވެފައި ނޫން ހެއްޔެވެ؟ އަބަދުވެސް ހުންނަން ޖެހޭނީ ކުށްވެރިވެ އަދަބެއްގައި ނޫން ހެއްޔެވެ؟ އެއިރުން އެވީ ކިހިނެއް ހެއްޔެވެ؟ އެހެން ވިއަ ނުދޭށެވެ. އެހެން މީހުންނަށް ނަޞޭޙަތްދޭއިރު ތިމާ އަކީ ޙައްޤަށް އަމަލުކުރާ މީހަކަށްވާށެވެ!  

ހުކުރު ދުވަހު ކުރަން އޮތް އެންމެ މުހިންމު އަޅުކަމަކީ ޖަމާޢަތުގައި ކުރާ ފަތިސްނަމާދުގައި ބައިވެރިވުމެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކީ އެއީއެވެ.  އެއަށްފަހު އޮތީ ވީހައި ކުރިން ހުކުރު ނަމާދަށް ދިއުމެވެ.  

ކޮންމެހެންވެސް ކަހްފި ސޫރަތް ކިޔަވަންވާނެއެވެ. ރަސޫލް () އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވާނެއެވެ. އަދި ތިމާ އެދޭކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުންވެސް ގިނަކުރަންވާނެއެވެ.  

މިކަންކަން ކުރަން އެހެން މީހުންނަށް ހަނދާންކޮށްދޭ ފަދައިން ތިމާވެސް ކުރާށެވެ! ކުރާ ހެޔޮ ޢަމަލުގެ ނަތީޖާ ފެންނާނީ އެއިރުންނެވެ. ހެޔޮ އަމަލުކުރަން މީހުންނަށް ބުނެދިނުމަށްފަހު ޢަމަލުނުކުރާ މީހުންނަށް ހުރި ޢަޛާބަށް ބިރުވެތިވާށެވެ! އެމީހުންނަކީ އެމީހުންގެ ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގައި އުޑިއެއް ފަދައިން އެނބުރި ތިބެންޖެހޭނެ ބައެއްކަން ޙަދީޘުން އެނގެން އެބައޮތެވެ.

- ޝައިޚް އަޙްމަދު ތާރިމް

މިއަދު އޮންލައިން