ދުނިޔޭގެ ނިމުން ގާތްވަނީ!: ހަމަ އެކަނި އުފުލެނީ ކަނޑުގެ ލޮނުގަނޑެއް ނޫން! އިރު ދައުރުކުރުމަށް ބަދަލުތައް އަންނަކަން މާބިރުވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ދުނިޔޭގެ ނިމުން ގާތްވަނީ!: ހަމަ އެކަނި އުފުލެނީ ކަނޑުގެ ލޮނުގަނޑެއް ނޫން! އިރު ދައުރުކުރުމަށް ބަދަލުތައް އަންނަކަން މާބިރުވެރި!

ގިނަ ބައަކު ކަންބޮޑުވަނީ ކަނޑުގެ ލޮނުގަނޑު އުފުލޭތީއެވެ. ނަމަވެސް ދުނިޔެ ނިމޭނީ ކަނޑުގެ ލޮނުގަނޑު އުފުލި ފެންބޮޑުވެގެނެއް ނޫނެވެ. އެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުން ވާނެ ގޮތަކީ ފަސްގަނޑު އުސްތަންތަނަށް މީހުން ހިޖުރަކުރާނީއެވެ.  

ދުނިޔޭގެ އެންމެ ފަހުވަޤުތު ހުޅަނގުން އިރުއަރާނެއެވެ. އެއީ ޔަޤީންވާ ކަމެކެވެ. އެކަމަށް ޝައްކުކުރާ ބައަކު އުޅުނަސް އެއީ ހިނގާނެ ކަމެއްކަން ސައިންސުގެ ހޯދުންތަކުން އަންނަނީ އެނގެމުންނެވެ.  

ބައެއް ޢިލްމްވެރިން ދެކެލައްވާ ގޮތުގައި ދައްޖާލު ފައުޅުވާނެ ޒަމާނުގައި ކުދި ޖަޒީރާ ރަށްތަކުގައި މީހުންނެއް ނުއުޅޭނެއެވެ. ކޮންމެއަކަސް އެއީ އެބޭކަލުންގެ ވިސްނުންފުޅެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ!  

ސައިންސްވެރިން ޤިޔާމަތް ވުމުގެ ވާހަކައެއް ނުދައްކައެވެ. ބުނަނީ އިރު ދައުރުކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ވަރަށް ބޮޑު ބަދަލެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.  

ޤިޔާމަތް ވެއްޖެކަމުގެ އެންމެ ފައުޅުކަން ބޮޑު އެއް ޢަލާމާތަކީ އިރު އޮއްސޭކޮޅުން އިރުއެރުމެވެ. ޤިޔާމަތްވުން ކައިރިވަނީއޭ، ދުނިޔެ ނިމެނީއޭ، ހުޅަނގުން އިރުއަރަން އުޅެނީއޭ ނުބުނި ނަމަވެސް މިދެއްކެނީ އެއްވާހަކަތަކެކެވެ. ޤިޔާމްތްވުން ކައިރިވެ ހުޅަނގުން އިރުއަރަން އުޅޭކަމުގެ ޢަލާމާތްތައް އެމީހުންނަށް ފެންނަކަމުގެ ވާހަކައެވެ.  

ކޮންމެ އެއްޗަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް ފެށުމަކާއި ނިމުމެއް ވެއެވެ. މީސްތަކުން އުޅުމަށް ލެއްވެވި ދުނިޔެއަށްވެސްމެއެވެ. އެކަން ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އޮޅުންފިލަން އެބަ އޮތެވެ. ހަމައެކަނި އެކަންކަން ވާނެކަން ބަޔާންކުރައްވަވައި ދެއްވެވީއެއް ނޫނެވެ.  

ދުނިޔޭގެ ނިމުމާއި ޤިޔާމަތްވުން ކައިރިވަމުން އަންނައިރު ކުރިމަތިވަމުން އަންނާނެ ކަންކަމާއި ފެންނާނެ ޢަލާމާތްތައް ވެސް ވަނީ ބަޔާންކުރައްވަވައި ދެއްވަވައިފައެވެ. އެހުރިހާ ކަންކަމަކީ ތެދު ޙަޤީޤަތްކަން މިއަދު މިދަނީ ފެނި ސާބިތުވަމުންނެވެ.  

ދުނިޔެ ނިމި ނެތިދާނެކަމާއި އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލު ކުރަން ބޭނުންނުވާ މީހުން ސައިންސާއި ގުޅުވައިގެން ހެކިތައް ދައްކަން މަސައްކަތްކުރި ނަމަވެސް ކަމުގެ ޙަޤީޤަތަކީ އެއީ ނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވިސްނޭހައި ގިނަ ހެކިތައް މިހާރުވެސް ވަނީ މީސްތަކުންނަށް ދައްކަވައިފައެވެ. މީގެ ތެރެއިން މިއަދު ފާހަގަކޮށް މިލަނީ މީސްތަކުން އިސްލާމް ދީނާއި ދުރަށް ޖެހެމުން ދިއުމެވެ.  

އިންސާނުންގެ ވިސްނުން މިއަދު ބަދަލުވަމުން މިދަނީ ވަރަށް އަވަސްއަވަހަށެވެ. ހެނދުނު އިސްލާމް ދީނުގައި ތިބޭ މީހުން ރޭގަނޑު ދީނުގައި ނެތުމާއި ރޭގަނޑު އިސްލާމް ދީނުގައި ތިބޭ މީހުން ހެނދުނުވާއިރު އިސްލާމް ދީނުގައި ނުތިބުން ފަދަ ކަންކަން މެދުވެރިވާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. 

It is narrated on the authority of Abu Huraira that the Messenger of Allah () observed:

Be prompt in doing good deeds (before you are overtaken) by turbulence which would be like a part of the dark night. During (that stormy period) a man would be a Muslim in the morning and an unbeliever in the evening or he would be a believer in the evening and an unbeliever in the morning, and would sell his faith for worldly goods.

(Saheeh Muslim) 

މިޙަދީޘްފުޅުގައި ފުރަތަމަވެސް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށެވެ. އެކަމަށް ފަރުވާތެރިވުމަށެވެ. ވިއްދައިގެން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ކަޅު އަދިރިރެއެއްގެ ބައިތައް ފަދައިން ފިތުނަތައް ކައިރިވަމުން އަންނަކަމަށެވެ.  

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ޙަދީޘްފުޅުގައި އެވާ ފިތުނަތައް އައިސް އަރައިހަމަކޮށްފިކަމެވެ. ދުވާލުގެ އަލިކަން ލިބުނު ނަމަވެސް މީސްތަކުން މިއަދު ދިރިއުޅެމުން މިގެންދަނީ ވަރަށް ބޮޑު ކަޅުއަނދިރިކަމެއްގެ ތެރޭގައިކަމެވެ. ޙައްޤާއި ބާޠިލު ވަކިކުރަން ނުއެނގުމަށްވުރެ ބޮޑު އަނދިރިކަމަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑު ފިތުނައަކީ ކޮބައިހެއްޔެވެ؟  

މީސްތަކުންގެ ޢަމަލުތައް މިހާލަތަށް ދިއުމުން އެނގިގެންމިދަނީ މި ޙަދީޘްފުޅުގައިވާ ބަސްފުޅުގެ ތެދުކަމެވެ. ސަލާމަތްކަން އެދޭ މީހާ މިކަންކަމަށް ވިސްނާށެވެ. ޝައިޠޯނާގެ އިތުރުން ޝައިޠޯނާގެ އަޅުންނަށް މީސްތަކުން ހެއްލެވެމުން މިދާ މިންވަރަށް ބިރުވެތި ނުވެވި އާޚިރަތް ކާމިޔާބެއް ނުކުރެވޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން