ލޮބުވެތި އެކުވެރިންނޭވެ! މިތަނުގައި މިތިބަ މީހުންނަށް ބެލިނަމަވެސް ލޯބީގެ މައްސަލައެއް ކުރިމަތިނުވާ މީހަކު މަދުވާނެއެވެ. ތިމާ ލޯބިވީ މީހާ ކޮންމެވެސް ލަނޑެއް ނުދޭ މީހަކު ވަރަށް މަދުވާނެއެވެ.
ނަމަވެސް މިއީ ކުރީގެ ޒަމާންތަކުގައި އެހައި ބޮޑަށް ޢާންމު ކަމެއް ނޫނެވެ. ރަނގަޅެވެ. ހުރިހާ ޒަމާނެއްގައިވެސް އެކަން އޮންނާނެއެވެ. ނަމަވެސް މިބުނަނީ މިހާރުހައި ގިނަ ނޫންވާހަކައެވެ.
ދެން ބަލައިލަންވީ މިހާރު އެމައްސަލަ މިހައި ވަރަށް ބޮޑުވެގެން މިއުޅޭ ސަބަބަށެވެ. އެސަބަބަކީ ކައިވެނިކުރުމުގެ ވަޤުތު ޖެހުމުގެ މާކުރިން ލޯބިވެރިން ހޯދޭކަމެވެ. މާކުރިން ކޮންމެވެސް މީހަކުދެކެ ލޯބިވެވޭކަމެވެ. އެލޯބީގައި އަހަރުތަކެއް ފާއިތުވެގެންދާކަމެވެ.
ދެން މިވާގޮތަކީ ލޯބިވެރިޔާއަށް އެހެން މީހަކާއި ބައްދަލުވެވެނީއެވެ. އޭނާ މާރަނގަޅު ކަމަށް ޤަބޫލުކުރެވެނީއެވެ. އެހިސާބުން ލޯބިވެރިޔާގެ ވިސްނުން ބަދަލުވަނީއެވެ. ކުރިން އޮންކޮސްގެން ހުރި ސްވިޗް ނިއްވާލާފައި އަނެއް ސްވިޗް ޖައްސައިގެން އޭނާގެ ޙަޔާތަށް އަލިކަން ލިބިގަންނަނީއެވެ.
ވީމާ އަހުރެންގެ ވިސްނުމުން ބުނާނަމަ މިމައްސަލައަށް ޙައްލެއް ލިބެން ކިރިޔާވެސް އޮތީ ކައިވެނިކުރަން ތިމާއަށް ތައްޔާރުވެވެންދެން ލޯބިވެރިއަކު ނުހޯދުމެވެ. ތައްޔާރުވެވުމުން އަވަހަށް ލޯބިވެރިއަކު ހޯދައި އަވަހަށް ކައިވެނިކުރުމެވެ. އެއިރުން ނުކުންނަ ނަތީޖާ މާރަނގަޅުވާނެއެވެ. އިން ޝާ ﷲ
އަހުރެން މިދެއްކި ވާހަކަ މިތަނުގައި ތިބި މުސްލިމުން ނޫން މީހުންނަށް ޤަބޫލުނުކުރެވުނަސް މުސްލިމުންނަށް ޤަބޫލުކުރެވޭނެއެވެ. ސަބަބަކީ މިގޮތަށް ޢަމަލުކުރާ މުސްލިމް މުޖުތަމަޢުތަކުގައި ލޯބިވެރިޔާ ގެއްލިގެން ހިތާމަކުރަންޖެހުމުގެ މައްސަލަ ބޮޑުތަނުން މަދުވީމައެވެ. އަދި ވަރީގެ މައްސަލަތައްވެސް ނިޞްބަތުން މަދުވީމައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން