ފުރަތަމަ ކަމަކީ ތިބާ ދިރިއުޅެނީ އުފަލުގައިކަން ނުވަތަ ހިތާމައިގައިކަން އެނގޭނީވެސް ތިބާ އެކަން ޙިއްޞާކުރި މީހަކަށެވެ. ތިބާ އެކަން ޙިއްޞާކުރާނީ ގާތް އެކުވެރިންނަށެވެ. ވީމާ ތިބާ އުފަލުގައި ދިރިއުޅޭތީ ކަންބޮޑުވެ ޙަސަދަލައި ގެއްލުންދޭން މަސައްކަތްކުރާނީ ތިބާގެ ދިރިއުޅުމުގެ ޙަޤީޤަތް އެނގޭ ބައެކެވެ.
ދެން އޮތީ ޢާއިލާއެވެ. ޢާއިލާގެ މީހުންނަށް ތިބާ ދިރިއުޅެނީ އުފަލުގައިކަން އެނގުނަސް އެކަމަށް ޙަސަދަލައި ތިބާގެ އުފާވެރިކަން ގެއްލުވާލަން މަސައްކަތްކުރާނީ ޢާއިލާގެ ތެރެއިން ވަރަށް މަދު ބައެކެވެ. އެއީ ޢާއިލާގެ މާގިނަ ބައަކު ކުރާނެ ކަމެއް ނޫނެވެ. އަދި ގިނަ ފަހަރު އެފަދަ ކަމެއް ކުރިމަތިވިނަމަވެސް ކުރިމަތިވުން ގާތީ ޅިޔަން ފަހަރިންގެ ތެރެއިންނެވެ.
ދިރިއުޅުމުގެ ކަންކަން ގިނަފަހަރު އެކުވެރިންނަށް ކިޔައިދެވެނީ އެމީހުން އަނެކާއަށް ހެޔޮއެދޭކަން ދައްކަން ދައްކާ ވާހަކަތައް ޤަބޫލުކޮށް އިތުބާރުކުރެވޭތީއެވެ. އެއީ މިއަދު ވަރަށް ބޮޑު މައްސަލައެކެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ފުރިހަމައަށް އިތުބާރުކުރެވޭނެ މީހުން މިހާރު ވަރަށް މަދުވާނެއެވެ.
ފުރަގަހުން ވަޅިޖެހުން ކަމަށް ބުނަންޖެހެނީ ހެޔޮއެދޭކަން ދައްކައިގެން އުޅެމުން ޙަސަދަވެރިވެ ލަނޑުދޭތީއެވެ. އުފާވެރި ދިރިއުޅުމެއްގައި އުޅޭނަމަ އެއުފާވެރިކަން ގެއްލުވާލަން އެކި ގޮތްގޮތުން މަސައްކަތްކުރާތީއެވެ. އެގޮތުން އެންމެ ގިނައިން ކުރާ އެންމެ ނުރަނގަޅު އެއް ކަމަކީ ބައިވެރިޔާ އާއިމެދު ޝައްކު އުފެދޭނެ ގޮތަށް ވާހަކަތައް ދެއްކުމެވެ.
އެހެންވެ އަހުރެން އަބަދުވެސް ބުނަމެވެ. ބައިވެރިޔާއާއިމެދު އެއްވެސް ތުހުމަތެއްކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދޭށެވެ! ޘާބިތު ނުހިފޭ ވާހަކައެއް ދައްކަން އުޅޭނަމަވެސް އަވަހަށް ހުއްޓުވައި އެބާވަތުގެ ވާހަކަތައް ނުދައްކަން ބުނާށެވެ.
ﷲ ތަޢާލާ އެންމެ ބޮދަށް ރުހިވޮޑިގަންނަވާ އެއްޢަމަލަކީ ދެމަފިރިން ޞުލްޙަކޮށް ގުޅުން ބަދަހިކޮށް އެކުގައި އުޅެން ހިތްވަރުދިނުމެވެ. ނަމަވެސް މިއަދު ގިނަ ބައކަށް މަސައްކަތްކުރެވެނީ ދިމާ އިދިކޮޅަށެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް މިބުނެދިން ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ! އެއިރުން އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން