އިންސާނާގެ ކާމިޔާބީ ގުޅިފައިވަނީ ހެޔޮ ޢަމަލުތައް ކުރުމާއިއެވެ. ނާކާމިޔާބީ ގުޅިފައިވަނީ ފާފަކުރެވުމާއިއެވެ. މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.
ވީމާ ފާފަކުރެވޭނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ތައުބާވުމެވެ. އެއަށްފަހު އަޅުކަންކުރުން ގިނަކުރުމެވެ. ޞަދަޤާތް ދިނުމާއި މީހުންނަށް ހެޔޮކޮށްހިތުން އިތުރުކުރުމެވެ. ޛިކުރުކުރުން ގިނަކުރުމެވެ. ވީހައި ގިނައިން ދުޢާކުރުމާއި ﷲ ތަޢާލާ ހަނދުމަކުރުން ފަދަ ހެޔޮ ޢަމަލުތައް ކުރުމެވެ.
ވީމާ ކޮންމެ މީހަކު ބުނި ނަމަވެސް ފާފަތައް ފުއްސަވައި ދެއްވެވުމުގެ ދަހިވެތިކަމުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ. ކުރިންވެސް ބުނިފަދައިން އެކުރެވެނީ އިތުރު ފާފައެވެ. ދާނީ ކުރެވޭފާފަތައް ގިނަވަމުންނެވެ.
ކިތަންމެ ގިނަ އަދި ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމަށް ކުރަން ޖެހޭނީ ހަމަ އެއް ކަމެކެވެ. އެއީ ކުރިން މި ބަޔާންކުރި ކަންތައްތަކެވެ. އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ވީމާ އިވޭ ބޭކާރުވާހަކަތައް ޤަބޫލުނުކުރާށެވެ!
ތައުބާވުމަށް އެންމެ ބޮޑަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް ކުރިމަތިލުމެވެ. އިތުރަށް ފާފަ ނުކުރަން ޢަޒުމް ކަނޑައަޅައި މަސައްކަތްކުރުމެވެ. ކުރެވުނު ފާފަތަކާއިމެދު ދެރަވުމެވެ. ހަމައެއާއިއެކު އުފާވެސް ކުރަންވާނެއެވެ! އެއީ ތައުބާވުމުގެ ވިސްނުން ދެއްވެވިކަމަށްޓަކައެވެ. ހަމައެއާއިއެކު ޝުކުރުވެރިވެސްވާށެވެ! ޝުކުރުވެރިވުމަކީ ކުރާ އަޅުކަން އިތުރުކުރުމެވެ. ﷲ ތަޢާލާ ހަނދުމަކުރުން އިތުރުކޮށް ޛިކުރުކުރުންވެސް އިތުރުކުރުމެވެ.
މިކަންކަން ޙާޞިލުކުރެވިއްޖެ ތިބާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންހުރި ނަޞީބުވެރިއެކެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވުމަށްޓަކައެވެ. މިއަދަކީވެސް ހުކުރު ދުވަހެކެވެ! އެންމެ މާތްވެގެންވާ ދުވަހެވެ. ދުވަހުގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދަންވީ ގިނަގިނައިން ތައުބާވުމެވެ. ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން