"އަހަރެން ނަމާދުކުރަމެވެ! ނަމަވެސް ކުރާ އެއްވެސް ދުޢާއެއް ޢިޖާބައެއް ނުކުރައްވަވައެވެ!" މިއީ ވަރަށް ގިނަ ބައަކަށް ކުރެވޭ ޝަކުވާއެކެވެ! މިފަދަ ޝަކުވާތަކާ ކަންބޮޑުވުން ހިތަށް ވަންނަނަމަ ފުރަތަމަކަމަކަށް ތިމާއަށް ނަމާދުކުރެވޭ ގޮތާއި އަދި ނަމާދަށް ސަމާލުކަންދެވޭ މިންވަރާއިމެދު ވިސްނައިލާށެވެ! ކަންކަން ކުރެވެނީ ކުރަން އޮތް ތަރުތީބުން ކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ!
އެހެންވީމާ ނަމާދަށް ޙަރަމް ބަނުމާއިއެކު މިފަދަ ހުރިހާ ކަންކަމުގެ ފިކުރުން ދުރުވާށެވެ! ހިތާއި ސިކުނޑި ހަމައެކަނި ނަމާދަށް ޚާއްޞަ ކުރާށެވެ! އެހެން ހުރިހާ ކަމެއް ހިތާއި ސިކުނޑިން ނެރެލާށެވެ! ހަށިގަނޑާއި ހިތާއި ސިކުނޑީގެ ހުރިހާ ސަމާލުކަމެއް ނަމާދަށް ޚާއްޞަކުރާށެވެ!
ނަމާދު ނިމި ސަލާމް ދިނުމަށްފަހު ތިބާގެ ހުރި ހުރިހާ ކަންބޮޑުވުންތަކާއި އެދޭ ކަންތައްތަކާއި ހުރިހާ ކަމެއް އެއްފަހަރާ އޮއްސައިލާށެވެ! ހުރިހައި ކަމަކަށް އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ތިބާގެ ދުޢާ އިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދު ނަމާދަކަށް ފުރިހަމަ ނުކޮށް ﷲ ތަޢާލާއަށް ކަމަކަށް އެދި ދަންނަވާނީ ކިހިނަކުންހެއްޔެވެ؟ ﷲ ތަޢާލާ އަހަރެމެންނަށް ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވާފައިވަނީ ނަމާދު ފުރިހަމަ ކުރުމަށެވެ. ކޮންމެ ކަމެއްގައިވެސް ނަމާދުން ވާގިއެދުމަށެވެ.
ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ނަމާދު ނަމާދަކަށް ހެދުމުގެ މުހިންމުކަން އެނގިގެންދެއެވެ.
ނަމާދަށް ޙަރަމް ބަންނަމުން ކިޔަނީ اللهُ أَكْبَرُ އެވެ. اللهُ أَكْبَرُ ކިޔައި އަހަރެމެން ދުލުން މި އިޤްރާރްވަނީ އެންމެ މަތިވެރި ފަރާތަކީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ތަޢާލާ ކަމަށެވެ. ދުލުން އެކަނި މި އިޤްރާރް ވެގެން ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ. ހަޤީޤަތުގައި މިއީ ހިތުގެ އަޑިން ވާންޖެހޭ އިޤްރާރެކެވެ. ދުލުން މިކުރާ ކަމަކީ ހިތުގެ އެންމެ އަޑިން މި އިޤްރާރުވާކަން ހާމަކުރުމެވެ. ވީމާ اللهُ أَكْبَرُ އަކީ ހަމަ އެކަނި ދުލުން ކިޔައިލާ އެއްޗަކަށް ހަދައިގެން ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ.
ގޭގައި ކުރިނަމަވެސް މިސްކިތުގައިކުރިނަމަވެސް އަދި ކޮންމެތަނެއްގައި ކުރިނަމަވެސް އަހަރެމެން ނަމާދަށް ހުއްޓި ތިބެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. އަހަރެމެން ނަމާދަށް ފަށަނީ އަހަރެމެން ކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ތިބެއެވެ. ހަމަ އެއާއިއެކު ޔަޤީންކުރަން ޖެހޭ ކަމަކީ ﷲ ތަޢާލާގެ މަތިވެރިކަން އެހެން ހުރިހާ ކަމަކަށްވުރެ މާބޮޑުކަމެވެ.
ތިބާގެ ހުރި ކަންބޮޑުވުންތަކަށްވުރެވެސްމެއެވެ. ތިބާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށްވުރެވެސް އެވެ. ތިބާއަށް ކުރެވިފައިވާ ފާފަތަކަށްވުރެވެސް އެވެ. ތިބާ ބޭނުންވާ ކަންކަމަށްވުރެވެސް އެވެ. ތިބާގެ ބުރަ ހަޔާތަށްވުރެވެސް އެވެ. ތިބާގެ މިހާރުގެ ޙާލަތާއި މުސްތަޤްބަލަށްވުރެވެސް އެވެ. ކުރުކޮށް ބުނާނަމަ ހުރިހާ ކަމަކަށްވުރެވެސް މެއެވެ.
ވީމާ އެންމެ ބޮޑު ސަމާލުކަމެއްދޭ ކަމަކީ ވީހާފުރިހަމައަށް ނަމާދުކުރުން ކަމަށް ހަދާށެވެ! ހުރިހާ ކަމެއްވެސް ޙައްލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން