ޚުޠުބާ: ޝައުބާން މަހު ވީހާގިނަ ހެޔޮއަމަލުކުރަން މަސައްކަތް ކުރާށެވެ.

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 24ސ
ޚުޠުބާ: ޝައުބާން މަހު ވީހާގިނަ ހެޔޮއަމަލުކުރަން މަސައްކަތް ކުރާށެވެ.

އަހުރެމެން މިހާރު ވޭތުކުރަމުން މިދަނީ ޝަޢުބާން މަހުގެ ދުވަސްތަކެވެ. މި މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެކެވެ. ރަމަޟާން މަހަށް މަރުޙަބާ ކިޔާން ތައްޔާރުވަމުން އަންނަ މައްސަރަކަށް ވީތީއެވެ. ޝަޢުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ވާތީއެވެ. 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގެ މަތީން އަހުރެމެން ހަނދާން އާކުރަމާ ހިނގާށެވެ! أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. "މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޝަޢުބާން މަހަށް ވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅު ހިއްޕަވާ ފަދައެވެ. އަދި މާތް ނަބިއްޔާ z ޙަދީޘްކުރައްވާކަމުގައި ވިއެވެ. "ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާ އެކު ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބިހައި ހިނދަކު، މާތް الله ތިޔަބައިމީހުންނަށް ދަރުމަ ދެއްވުމުގައި ދެމިވޮޑިގެންވާނެއެވެ."[1] 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދުފުޅުތަކަށް ބަލާ އިރު، މާތް اللهގެ ޙަޟްރަތުގައި، ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. 

(أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ)[2] މާނައީ: "މާތް اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލެވެ."  

"ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެކެވެ. މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ ޢަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެކެވެ. 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޝަޢުބާންމަހު، ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން، أُسَامَةُ بْنُ زَيْدُ رَضِيَ اللهُ عَنْهُمَا ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވިއެވެ. (يَا رَسُوْلَ اللهِ، لَـمْ أَرَكَ تَصُوْمُ مِنْ شَهْرٍ مِنَ الشُّهُوْرِ مَا تَصُوْمُ شَعْبَانَ، قَالَ: ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيْهِ الْأَعْمَالُ إِلَى رَبِّ الْعَالـَمِيْنَ، وَأُحِبُّ أَن يُرْفَعَ عَمَلِيْ وَأَنَا صَائِمٌ)[3] މާނައީ: "އޭ اللهގެ ރަސޫލާއެވެ! ޝަޢުބާންމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް، އަހަރުގެ އެހެން މައްސަރެއްގައި (ސުންނަތް) ރޯދަފުޅު ހިއްޕަވާ ތަނެއް، ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ. އެހިނދު އެކަލޭގެފާނު ޙަ ދީޘްކުރެއްވިއެވެ. އެއީ ރަމަޟާން މަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި މީސްތަކުން އެ މަހަކާ މެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ." 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا انْتَصَفَ شَعْبَانُ فَلَا تَصُوْمُوا)[4]  މާނައީ: "ޝައުބާންމަސް ދެބައި ވެއްޖެ ނަމަ، ފަހެ، ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!" މި ޙަދީޘުން ދޭހަވަނީ ޢާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަމެވެ. އެކަމަކު އޭނާއަކީ، ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރާން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފާން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފައި، މެދުފޮއި ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް، ދެދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދައެއް ހިފުން މަނާވެގެނެއް ނުވެއެވެ. 

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މުސްލިމް އަޚުންނޭވެ! ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރާށެވެ! ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިޤުބާލުކުރާން ތައްޔާރުވާށެވެ! ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާށެވެ! ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫންކަން ދަންނާށެވެ! ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކާށެވެ! ދީލަތިކަން އިތުރުކުރާށެވެ! އޯގާތެރި މަޑުމައިތިރި މީހަކަށް ވާށެވެ! ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވާށެވެ! ކެތްތެރިކަން އިތުރުކުރާށެވެ! ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވާށެވެ! ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރާށެވެ! 

ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، ޞައްޙަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން، ޤަބޫލު ނުކުރައްވައި، ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެކެވެ. 

ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމުންގެ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ.  އަލްމަސްޖިދުލް ޙަރާމަށް ޤިބުލަ ބަދަލުވުމަކީ، ލޮބުވެތި ރަސޫލާ zގެ ވަރަށް ބޮޑު އުންމީދުފުޅެކެވެ.   اللهُ سُبْحَانَهُ وَتَعَالَى ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި އުންމީދުފުޅު ޙާޞިލުކޮށްދެއްވިއެވެ. މާތް  الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އުޑާ ދިމާއަށް މަތި ބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށް މިފުށަށް އަނބުރުއްވާ ތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ ޤިބްލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާހުށީމެވެ. ފަހެ، ޙުރްމަތްތެރި ވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތު الله ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!"  

ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާ ނަމަ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ zގެ ސުންނަތަށް ޢަމަލުކުރާށެވެ! ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލާށެވެ! ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވާށެވެ! ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވާށެވެ! ތިމާގެ އަމިއްލަ ނަފުސު އިސްލާމީ ޢިލްމުން މުއްސަނދިކުރާށެވެ! އިންސާނުންނަކީ އަބަދާއިއަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ﮋﭭﭮﭯﭰﭱﮊ[5]   މާނައީ: "ކަލޭގެފާނު ހަނދާން ކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." މިފަދަ ބަސްފުޅުތައް އަހައި ތިމާގެ ޢަމަލުތައް އިސްލާޙުކުރާށެވެ!

މިއަދު އޮންލައިން