ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމްކުރާ ޢުމްރާ ދަތުރުގެ ބައިވެރިން މިއަދު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފައެވެ. މި ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ.
މި ދަތުރުގައި ބައިވެރިވަނީ އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، ސީއެޗްއެސްއީ، އަޙްމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކެވެ. މި ސްޓަޑީ ޓުއަރ ކުރިއަށްދާނީ 14 ފެބްރުއަރީ އިން 21 ފެބްރުއަރީ 2025 އަށެވެ.
މި ދަތުރުގައި ބައިވެރިން ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ދަތުރުތަކަކީ ދީނީ ޢިލްމުވެރިންނާއި ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ހޯދުމަށް މުހިންމު ދަތުރުތަކެކެވެ.
ފާއިތުވި އަހަރު މިފަދަ ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތައް ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ދަތުރުތަކަކީ ރާއްޖޭގެ ދީނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.