މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައި އެވަނީ ޝަޢުބާން މަސް ދެބައިވުމުން (ފަހު 15 ފެށުމުން) ސުންނަތް ރޯދަ ހިފަން އަލަށް ފެށުމާއިމެދު އޮތް ޙުކުމެވެ. ކުރީންސުރެ ސުންނަތް ރޯދަތައް ހިފަމުން އަންނަ މީހަކު ހަމަ ކުރިން ހިފި ގޮތަށް ރޯދަހިފަމުން ގެންދިއުމަށް އެއްވެސް ހުރަހެއް ނެތެވެ.
ސުވާލެއް:
ޝަޢްބާން މަހު ވީހާ ގިނަ ރޯދަ ހިފުމަށްޓަކައި ކުރިން ސުންނަތް ރޯދަ ހިފަމުން އައި ދުވަސްތަކުގެ އިތުރު ދުވަސްތަކުގައި މީހަކު ކުރީ ފަނަރައިގައި އިތުރު ދުވަސްތަކުގައި ރޯދަ ހިފާފައިވާނަމަ ފަހު 15 ގައިވެސް އެ ނިޔަތުގައި އިތުރު ދުވަސްތަކުގައި ރޯދަ ހިފިދާނެތޯ؟
އޭނާ ކުރީ ފަނަރައިގައި ހިފި ފަދައިން ފަހު 15 ގައިވެސް ހިފޭނެއެވެ. މައްސަލައަކަށް ވާނީ ހަމައެކަނި ކުރިން ނުހިފާ ހުރެފައި ފަހު 15 ފެށުމުން ރޯދަހިފަން ފެށުމެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޝަޢްބާން މަހުގެ ސުންނަތް ޜޯދަ ހިއްޕަވަން ފަށްޓަވަނީ ޝަޢްބާން މަސް ފެށުމުންނެވެ. ސުންނަތަށް ތަބަޢަވުމަކީ އެކަމެއްގައި ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކުރުމެވެ.
"އިމާމް މުސްލިމް رحمه ގެ ޞަޙީޙްގައި ގެންނަވާފައިވާ ރިވާޔަތުގައިވަނީ ނަބިއްޔާ ﷺ މުޅި ޝަޢުބާންމަހު ރޯދަ ހިއްޕަވާކަމަށެވެ. އަދި އިމާމް މުސްލިމް އަދި ބުޚާރީ رحمهما الله ގެންނަވާފައިވާ ޙަދީޘްފުޅުގައިވަނީ ޝަޢުބާން މަހުގެ މަދު ދުވަހެއްގައި މެނުވީ ރޯދަ ހިއްޕަވާކަމަށެވެ."
ވީމާ ޝަޢްބާން މަހު ސުންނަތް ރޯދަހިފުން ގިނަކުރަން ބޭނުންވާ މީހާއަށް އޮތީ މަސް ފެށުމުން ރޯދަހިފަން ފެށުމެވެ. ކުރީ 15 އިގައިވެސް ސުންނަތް ރޯދަ ހިފި ފަދައިން ފަހު 15 ގައި ހިފުމަކުން މައްސަލައެއް ނެތެވެ. މިއަދުގެ ޚުޠުބާގައި ވަނީ މަސް ފެށުމުން ރޯދަނުހިފައި ހުރެފައި ފަހު 15 ފެށުމުން ސުންނަތް ރޯދަ ހިފަން ނުފެށުމަށެވެ.
މިވާހަކަ ދަންނަވައިލީ މިއަދުގެ ޚުޠުބާގައި ތަފްޞީލް ތަންކޮޅެއް ކުޑަވުމުން ބައެއް ކިޔުންތެރިންނަށް އޮޅުން އަރާގޮތްވުމުން ސުވާލުކުރައްވަތީ އިތުރު ތަފްޞީލް އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ އަރިހުން އޮޅުންފިލުވައިގެންނެވެ.