ޙައްޖު ކޯޕަރޭޝަނުން ސިއްޙީ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޙައްޖު ކޯޕަރޭޝަނުން ސިއްޙީ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލަނީ

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދާ މީހުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސިއްޙީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. އަދި މިހާރު ވަނީ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވި ގޮތުގައި މިއީ ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހުޅުވާލާފައެވެ.

ދަފްތަރުގައި ހިމެނޭނީ މެޑިކަލް އޮފިސަރުންނާއި، ޖެނެރަލް ޕްރެކްޓިޝަނަރުން، ފިޒިޝަންސް، ކާޑިއޮލޮޖީ، ނެފްރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާތަކުން ޚިދުމަތްދޭ ޑޮކްޓަރުންނެވެ. މި ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙާޖީންނަށް ދިމާވާ ޞިއްޙީ މައްސަލަތައް ބަލައި ފަރުވާދިނުން ހިމެނެއެވެ.

ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މައްކާއާއި މަދީނާގައި ޙާޖީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ހޮސްޕިޓަލްތަކަށް ގޮސް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ މި ދަފްތަރުގައި ހިމެނޭ ސިއްޙީ މަސައްކަތްތެރިންގެ ޒިންމާއެކެވެ. އަދި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އެހީތެރިވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، އަދި ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން