ރޯދަ މަހަށް އެސްޓީއޯއިން ގެންނަ ކާށީގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ރޯދަ މަހަށް އެސްޓީއޯއިން ގެންނަ ކާށީގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފި

އެސްޓީއޯއިން މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށް ގެންނަ ކާށީގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފިއެވެ. މި ކާށި މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ރޯދަ މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު ބާޒާރުގައި ކާށި 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ވިއްކަމުންދާއިރު، އިންޑިއާއިން އެތެރެކުރި ކާށި ކާއްޓަކަށް 5 ރުފިޔާގެ އަގެއްގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި މިއަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ވަނީ ތައްޔާރުވެފައެވެ. އަދި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ވަނީ ރާވާފައެވެ.

ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރުގެ އިތުރުން ތާޒާ ތަރުކާރީއާއި މޭވާ އަދި ތައްޔާރީ ކާނާއާއި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.

އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެއެވެ. އަދި ކާށީގެ އިތުރުން ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ގަންނަން ލިބެން ހުންނާނެއެވެ.

މިއަދު އޮންލައިން