ބައެއް މީހުން އިމާމް މިހާއަށްވުރެ ކުރިން ފަހުއައްތަހިއްޔާތު ކިޔައި ނިންމައިލައެވެ. ދެން ފެންނަނީ ފޫހިވެ ވަށައިގެން ހޯދާތަނެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އިމާމް މީހާ ސަލާމް ދިނުމާއި ހަމައަށް އެލިބޭ ވަޤުތުކޮޅަކީ އެންމެ އަގުހުރި އެއް ވަޤުތުކޮޅެވެ. އެއީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެކެވެ. އަދި އެކަނިހުރެ ކުރާ ނަމާދުތަކުގައިވެސް އައްތަޙިއްޔާތު ކިޔައި ސަލާމް ދިނުމާއި ދެމެދު ބޭނުންކަމަކަށް އެދިގެން ދުޢާކުރެވޭނެއެވެ. ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ
ކޮންމެ މީހަކީވެސް ވަރަށް ގިނަ ކަންތައްތަކަކަށް ބޭނުންވެގެން ހުންނަ މީހެކެވެ. އެކަންކަމަށް އެދި ދުޢާކުރަމުން ގެންދާ މީހެކެވެ. ވީމާ ވީމާ ދުޢާ ޢިޖާބަކުރައްވަވާނެކަމަށް ވާރިދުވެގެންވާ ވަގުތުތަކުގައި ދުޢާކުރަން ސަމާލުކަންދޭންޖެހެއެވެ.
މިގޮތުން އެކަމަށް އޮތް އެއް ވަގުތަކީ ނަމާދުގައި އައްތަޙިއްޔާތަށްފަހު ސަލާމް ދިނުމާއި ދެމެދުގައިވާ ވަގުތުކޮޅެވެ. އެ ވަގުތުކޮޅަކީ ދުޢާ އިޖާބަކުރެވޭ ވަގުތުގެ ތެރެއިން ވަގުތެއް ކަމަށް ވާރިދުވެފައިވެއެވެ.
އެވަގުތުކޮޅުގައި އިބްރާހީމް ޞަލަވާތަށްފަހު އެނގިގެންނާއި ނުއެނގިތިބެ އިމެއްނެތި ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުމަށާއި، ރައްކައުތެރިކަމަށާއި ކައްވަޅުގެ ޢަޛާބުންނާއި ދައްޖާލުގެ ފިތުނައިން ސަލާމަތް ކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަމެއެވެ.
އެވަގުތުކޮޅުގެ ތެރެއަށް އެމީހާ ބޭނުންވާ ކަންކަމަށް އެދި ކުރާ ދުޢާ ފެއްތިދާނެއެވެ. އެމީހަކު ބޭނުން ކަމަކަށް އެދި ދުޢާކުރެވިދާނެއެވެ.
"ފަރުޟު ނަމާދުތަކުގައި އެވަގުތު (އައްތަޙިއްޔާތަށްފަހު ސަލާމް ދިނުމުގެ ކުރިން) ކުރަންވާނީ ޤުރްއާނާއި ސުންނަތުން ވާރިދުވެފައިވާ ދުޢާ، ޢަރަބިބަހުންނެވެ. ނަމަވެސް ސުންނަތް ނަމާދުތަކުގައި އެމީހަކު ބޭނުން ބަހަކުންވެސް ދުޢާކުރެވިދާނެއެވެ." --ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
މި ވަގުތުކޮޅުގައި ކުރެވިދާނެ މުހިއްމު ކުރު ދުޢާއެއް!
رَبَّنَا تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
"އަޅުގެ ވެރިރަސްކަލާކޮ! މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"