މީސްތަކުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރަންޖެހޭ ކަމަކީ އެބަދަލާއި އެއްވަރަށް މީހާގެ ދިރިއުޅުން ބަދަލުކުރުމެވެ. މިޒަމާނުގައި ވިސްނަން ޖެހޭނީ މިޒަމާނުގެ ޙާލަތަށެވެ. ވީމާ ކިޔަވައި މަތީ ތަޢްލީމް ޙާޞިލުކޮސްގެން ތިބޭ އަންހެނުންގެ ގާތުގައި ވަޒީފާ އަދާނުކޮށް ގޭގައި ތިބެން ބުނިނަމަވެސް އެއަޑެއް ނުއަހާނެއެވެ.
އަހުރެން ބުނާނީ އަންހެނުންވެސް އަދި ފިރިހެނުންވެސް ދިރިއުޅެން ކޮންމެވެސް މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާށެވެ! މިޒަމާނުގައި އާމްދަނީ ނުލިބޭ ފިރިހެނަކާއި ކައިވެނިކުރަން މޮޔަ އަންހެނަކު ނޫނީ ނުރުހޭނެއެވެ. އަންހެނުންނަށް ބުނެލަން އޮތީ ޒަވާޖީ ޙަޔާތެއްފަށައި ތިމާ އާމްދަނީ ނުހޯދިނަމަވެސް ފިރިމީހާ ތިމާގެ ޚަރަދުތައް ބަލަހައްޓާނެ ކަމުގެ ޔަޤީންކަން ލިބެންދެން ވަޒީފާގައި ދެމިހުންނާށެވެ. ރަނގަޅު ވަޒީފާ ލިބުމަކީ އެހާފަސޭހަ ކަމަކަށް ނުވާތީއެވެ.
އަންހެނުންވެސް އަދި ފިރިހެނުންވެސް ވިސްނާށެވެ. ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ އެމީހަކަށް ބަލައިލަން ބޭނުންވާނީވެސް ވަރަށް މަދު މީހެކެވެ. އެހެންވެ ގިނަ މީހުން ބުނާނީ ދަތިޙާލެއްގައި އުޅެންޖެހިއްޖެ މީހަކަށް ބަލައިލާނެ މީހަކުވެސް ނުވާނެ ކަމަށެވެ.
ވީމާ ވިސްނާށެވެ! ތިބާއަށް ކާންބޯންދީ ތިބާގެ ބޭނުންތައް ފުއްދައިދޭނެ މީހުން ތިބޭނެ ކަމަށް ނުވެސް ވިސްނާށެވެ! ފަހަރެއްގައި ބޭނުމެއް ފުއްދައިލަދިން ނަމަވެސް އެއީ ދާއިމީ ގޮތެއްގައި މީހަކު އުފުލާނެ ބުރައެއް ނޫނެވެ. މީހުން ގާތުގައި ކަންކަމު ކިޔުމަށްވުރެ ބުރަކަށިމަތީގައި (ކޮނޑުގައި) ދަރު އުފުލުންވެސް މާރަނގަޅު ކަމަށް ޙަދީޘްފުޅުގައި އެއޮތީ އެސަބަބަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން