ޖަމާއަތްތެރިން އުނގުޅާ ސެންޓާ ލައްވާ ކަފުނުގެ އެއްވެސް އަގެއް ނެތެވެ! ކުރާނެ ފައިދާއެއްވެސް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޖަމާއަތްތެރިން އުނގުޅާ ސެންޓާ ލައްވާ ކަފުނުގެ އެއްވެސް އަގެއް ނެތެވެ! ކުރާނެ ފައިދާއެއްވެސް ނެތެވެ!

އަހުރެމެންގެ އެންމެ ބޮޑު އުންމީދަކަށްވާންޖެހޭނީ ސުވަރުގެ ލިބުމެވެ. އެކަމަށް އުންމީދުކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރުމާއިއެކުގައެވެ. ހެޔޮލަފާ އަޅެއްގެ ގޮތުގައި މަރުވެވިއްޖެ ނަމައެވެ. 

ހެޔޮލަފާ އަޅުންގެ ފުރާނަ ހިއްޕެވުމަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެންނެވެ. އެމީހެއްގެ ފުރާނަ ހިއްޕެވުމުގެ ކުރިން އެމީހަކަށް ހުރި އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެތެވެ. އެ ނިޢްމަތް ލިބޭނީ ހެޔޮލަފާ މަރަކުން މަރުވުމަށް މަސައްކަތްކުރިމީހަކަށެވެ. ހެޔޮލަފާ މަރަކުން މަރުހިއްޕެވުން އެދިގެން އަބަދުވެސް މަސައްކަތްކުރާ ޖެހޭ ސަބަބަކީ އެއީއެވެ. 

އެހެނަސް ގިނަ ބައަކު ކަންބޮޑުވެގެން އުޅެނީ އެމީހުން މަރުވުމުން އެމީހުންނާއިމެދު މީސްތަކުން ބުނެފާނެ ބަހަކަށެވެ. ޖަނާޒާގެ ކަންކަން ބާއްވާނެ ފެންވަރަކަށެވެ. ޖަމާއަތްތެރިން އުނގުޅާ ސެންޓާ ލައްވާ ކަފުނުގެ އެއްވެސް އަގެއް ނެތެވެ! މަސައްކަތްކުރަންވީ މަލާއިކަތުން ގެންނަވާނެ ސުވަރުގޭގެ ފޭރާމާ ހުވަނދު ލިބޭނެ މީހަކަށްވުމަށެވެ!

އަބަދުވެސް ވިސްނަންވީ މަރުވުމުން ދެން ކަންކަންވެދާނެ ގޮތަކަށެވެ. އަދި އެއިގެ ކުރިން ކަންބޮޑުވާންވީ ތިމާ މަރުވެގެންދާނެ ގޮތަކާއިމެދުގައެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވޭބެ ކަމާއިމެދުގައެވެ. އެހެނީ މަރުވުމަށްފަހު އެމީހެއްގެ ކަންކަން އޮންނާނީ މަރުވި ޙާލަތުގެ މައްޗަށެވެ. މާނައަކީ މަރުވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައިތޯ ނުވަނަ ނޫންތޯއެވެ.

ދުނިޔޭގައި ހޭދަކުރަންލިބޭ މަދު ދުވަސްކޮޅު އެކަމަށް ނުވިސްނިއްޖެނަމަ ނުވަތަ ސަމާލުކަން ނުދެވިއްޖެނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވުން އޮންނާނީ ދުރުކަމަކަށްވެފައެވެ. ނުވަތަ ގާތީ އެކަން ނުވުމެވެ.

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވުމަށް އެދޭމީހާ އެކަމަށް ތައްޔާރުވާންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޒުވާން ޢުމުރުން ފެށިގެންނެވެ. އެހެނީ މަރުވާނީ ކޮން ޢުމުރެއްގައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ. އެހެނަސް އެކަން ޤަބޫލުކޮށް ޢަމަލުކުރެވޭ މީހުން މިދަނީ މަދުވަމުންނެވެ.

ވީމާ އަހުރެންގެ ނަޞީޙަތަކީ ކޮންމެ މުސްލިމަކީވެސް ޢުމުރުގެ ހުރިހާ ދުވަސްތަކެއްގައިވެސް މިބުނި މަގުން ހެޔޮލަފާ މަރަކުން މަރުވުމަށް އެދިގެން މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން