ދުނިޔޭގެ ދިރިއުޅުމާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ ދެއިރު މިދުޢާކުރުން ހުއްޓައިނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ދުނިޔޭގެ ދިރިއުޅުމާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ ދެއިރު މިދުޢާކުރުން ހުއްޓައިނުލާށެވެ!: މުފްތީ މެންކް

ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަކުން އަރައިގަތުމަށް ދުޢާކުރަންވާނެއެވެ. އެއިގެ އިތުރުން އޮތީ އަބަދުވެސް ހެޔޮކަންކަން ކުރުންމަތީގައި ދެމިތިބުމެވެ. ޛިކުރުކުރުމަށް ލިމިޓެއް ނެތް ފަދައިން ދުޢާކުރުމަކަށްވެސް ލިމިޓެއް ނެތެވެ. ވީހާ ގިނައިން ކުރަމުން ގެންދަންވީއެވެ.  

ކަންކަމަށް އެދިގެން ކުރަން ރަނގަޅު ދުޢާއަށް ގިނަ ބައަކު އަބަދުވެސް އެދެއެވެ. ޤުރްއާނާއި ސުންނަތުން އެނގެންހުރި ދުޢާތައް އަބަދުވެސް ބުނެދެމެވެ. ދުޢާ ކުރުމުގައި ކުރަން އިސްކަންދޭންވީ ޤުރްއާނާއި ސުންނަތުން ފެންނަންހުރި ދުޢާތަކަށެވެ.  

އަދި ޤުރްއާނާއި ސުންނަތުން އެނގެން ނެތްކަމުގައި އަމިއްލަ ޢިބާރާތުންވެސް ދުޢާ ބުނެދެމެވެ. އެއީ އަމިއްލައަށް ޢިބާރާތްކުރަން ނުއެނގޭ މީހުންނަށް އެހީއަކަށެވެ.  

ޙަދީޘްފުޅުން އެނގެން އޮތީ އަހަރެމެންގެ ތެރެއިން ކަންކަމަށް ބޭނުންވާ މީހުން އެމީހުން ބޭނުންވާ ކަންކަމަށް އެދި ﷲ ތައާލާގެ ޙަޟްރަތުގައި ނުދެންނެވުމަކީ، ދުޢާ ނުކުރުމަކީ ﷲ ތަޢާލާ ކަންބޮޑުވެވޮޑިގަންނަވާ ކަމެއް ކަމުގައެވެ. މި ޙަދީޘް ބަސްފުޅުންވެސް އެނގިގެން މިދަނީ މީސްތަކުން އެމީހުންގެ ބޭނުންތަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ.  

އަނަސްގެފާނު ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައިވަނީ އަންނަނިވި ދުޢާއަކީ ރަސޫލް () އިތުރުއެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންނަށް ހެނދުނާއި ހަވީރުކުރައްވަވަން ޙަދީޘްފުޅުކުރެއްވެވި ދުޢާއެއް ކަމެވެ. އެންމެ މަތިވެރި ޞާޙިބާ، އެ ޞާޙިބާގެ ޢާއިލާގެ ބޭފުޅުންނަށް ދުޢާއެއް ދަސްފުޅުކުރައްވަވައި ދެއްވަވައި ހެނދުނާއި ހަވީރު އެ ދުޢާކުރެއްވެވުމަށް ޙަދީޘްފުޅުކުރެއްވެވުމުން އެ ދުޢާގައި ހުރި މަތިވެރިކަން އެނގި ބަޔާންވެގެންދެއެވެ.  

يا حي يا قيوم برحمتك أستغيث أصلح لي شأني كله و لا تكلني إلى نفسي طرفة عين 

މިދުޢާގައި އެކުލެވިގެންވާމާނައަށް ބަލާއިރު، " يا حي يا قيوم "އެވެ ދެންނެވުމުން ދެންނެވިގެންއެދަނީ އެންމެހައި މަތިވެރިކަމާއި ބާރު ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށެވެ. ދިރިދެމިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. އެންމެހައި ކަންކަން ފުއްދަވައި ދެއްވެވޭނީ ހަމަ އެކަނި ﷲ ތަޢާލާއަށް ކަމަށެވެ. މިކުރެވޭ ކަމަކީ އަހަރެމެންގެ ނިކަމެތިކަމާއި ﷲ ތަޢާލާގެ މަތިވެރިވަންތަކަން ޤަބޫލުކުރުމެވެ.  

ދެންމި ބަޔާންކުރެވެވެނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތެއް ނޫނީ ލިބިނުގަނެވޭނެކަމެވެ. އެއްވެސް ކަމެއް އަމިއްލައަށް ކުރުމުގެ އެއްވެސް ބާރެއް ލިބިގެން ނުވާކަމެވެ. ތިމާއަކީ އެހައިވެސް ނިކަމެތި މީހެއް ކަމެވެ.  

ދެން މިދަންނަވަނީ މިއަލާއަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް މިއަޅާއަށް އެކަމަކުން އެންމެ ފައިދާކުރާނެ ގޮތަށް ނިންމަވައި ދެއްވެވުމަށެވެ. މާލީ ދަތިކަމެއް ނަމަވެސް، ބަލިޙާލަތެއް ނަމަވެސް އަދި ޒަވާޖީ ޙަޔާތުގެ ކަމެއް ނަމަވެސް ޙަޔާތަށް ބައިވެރިއަކު ލިބުން ނަމަވެސް އަދި މިފަދަ ކޮންމެ ކަމެއްގައިވެސް މެއެވެ. ވަޒީފާ އާއި ދުނިޔެއާއި ޢާޚިރަތުގެ އެންމެހައި ކަންކަމުގައިވެސްމެއެވެ.  

އެއަށްފަހު މިދަންނަވަނީ އެސްފިޔަޖަހާހައި ހިނދުކޮޅަކަށް ނަމަވެސް މިއަޅާ ދޫކޮށް ނުލެއްވެވުމަށެވެ. އަބަދުވެސް އެކަލާނގެ ރަޙްމަތުގައި ލެއްވެވުމަށެވެ.  

ޖުމުލަ ގޮތެއްގައި ދުޢާގައި މިދެންނެވެނީ ތިމާގެ ހުރިހައި ކަންކަމުގައި ރަޙްމަތް ލެއްވެވުމަށެވެ. ހިނދުކޮޅަކަށް ނަމަވެސް ﷲ ތައާލާގެ ރަޙްމަތުން ބޭރުނުކުރެއްވެވުމަށެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ވެސް ބާއްޖަވެރިކަން ލިބި އުފާވެރިކަން ލިބޭނެގޮތް މަގުފަހިކުރައްވަވައި ދެއްވެވުމަށެވެ!  

މިފަދަ ދުޢާތައް ކުރުމުގައި ސާބިތުވާށެވެ! ޙަދީޘްފުޅުގައިވާ ފަދައިން ހެނދުނާއި ހަވީރު މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ! އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން