މިތަނުގައި ވަރަށް ގިނަ ޒުވާނުން އެބަތިއްބެއެވެ. ކައިވެނިކޮށްގެން ތިބި ޒުވާނުންނާއި ކައިވެނިނުކޮސް ތިބި ޒުވާނުންވެސް އެބަތިއްބެވެ. އަދި ވަރަށް ރީތި އަންހެނުންނާއި ފިރިހެނުންވެސް އެބަ ތިއްބެވެ. ވީމާ އަޑުއަހާށެވެ!
މިހައި ތަނަށް ތިއަ ކުރި ސުވާލުތަކުގެ އެންމެ ބޮޑު ބައެއް އަމާޒުވެފައިވަނީ ކައިވެނި ރޫޅުމުގެ މައްސަލައަށެވެ. އަދި ފާހަގަކުރެވުނު ގޮތުގައި ކައިވެނި ރޫޅެން އެންމެ ގިނައިން މެދުވެރިވާ އެއް ސަބަބަކީ ކައިވެނިކުރާފަހުން މާރީތި މީހުން ފެނި އެމީހުންގެ އަވާގައި ޖެހެވުމެވެ.
މިކަމަށްބަލާއިރު އަންހެނުންނަށް ގިނައިން ޖެހެވެނީ ތަނަވަސް މީހުންގެ މަޅީގައެވެ. ފިރިހެނުންނަށް ގިނައިން ޖެހެވެނީ ރީތި އަންހެނުންގެ މަޅީގައެވެ. މިއީ އަހުރެންގެ އިތުރުން ގިނަ ބައަކު މިކަމުގައި އެއްބަސްވާ ގޮތެވެ.
ކޮންމެއަކަށް ފިރިހެނުންނަށް ބުނެލަން އޮތީ ރީތި އަންހެނުންނާއި ބައްދަލުވާނެއެވެ. ހިތް އެދޭ ހުރިހާ ސިފަތައް ހުރި އަންހެނުންނާއިވެސް ބައްދަލުވާނެއެވެ. ވިސްނަންވީ ޔޫސުފްގެފާނަށް ކުރިމަތިވެވަޑައިގެންނެވި އިމްތިޙާނަށެވެ. އެއިމްތިޙާނުވެސް ކުރިމަތިވެވަޑައިގަތީ ޢިއްޒަތްތެރި އެހައިމެ ރީތި އަންހެނެއްގެ ކިބައިންނެވެ.
މިވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެއޮތީ ވިސްނައި ޢަމަލުކުރުމަށެވެ. ޔޫސުފްގެފާނު ޢަމަލުކުރެއްވެވި ފަދައިން ޢަމަލުކުރުމަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ފާފައެއް ނުކުރަން އެނެގެވުމަށެވެ. ހަމައެފަދައިން އިމްތިޙާނުން ޔޫސުފްގެފާނު ފާސްވެވަޑައިގަތުމުން ލެއްވެވި ބޮޑު ރަޙްމަތް ބަޔާން ކުރައްވަވާފައި އެއޮތީ ފާސްވުމުން އަހުރެމެންނަށްވެސް ހަަމ އެފަދައިން ރަހްމަތް ލައްވަވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން