ކިތަންމެ ކުޑަކުޑަ ޢަމަލެއް ކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޢަޛާބް ޢަމަލަށްވެދާނެކަމަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ. ކުޑަފާފަ، ބޮޑުފާފަ ކިޔުން ހުއްޓައިލާށެވެ! ކިތަންމެ ކުޑަ ފާފައަކަށް ދެއްވަވާނެ ޢަޛާބުގެ މިންވަރު ނުއެނގޭތީއެވެ. އަދި ކިތަންމެ ކުޑަ ޢަޛާބަކަށްވެސް ކެތްނުކުރެވޭނެތީއެވެ.
އަބޫ ހުރައިރާ (ރޢ) ﷲ ތައާލާ ނަރަކަ އުފެއްދެވުމަށްފަހު 1000 އަހަރުވަންދެން އަލިފާން އެންދެވިއެވެ. އެ އަލިފާން ހުދުކުލައަށް ބަދަލުވިއެވެ. އިތުރު 1000 އަހަރު އެންދެވުމުން އަލިފާނުގެ ކުލަ ރަތްކުލައަށް ބަދަލުވިއެވެ. އިތުރު 1000 އަހަރު އެންދެވުމުން ކަޅުކުލައަށް ބަދަލުވިއެވެ. މިހާރުވެސް އެ ހުރީ ގަދަކަޅުކުލައިގައެވެ.
އަދިވެސް ތަކުރާރުކޮށްލާނަމެވެ.
މީސްތަކުންނޭނެ މިދައްކަނީ އެނިރުވެރި ނަރަކައިގެ ވާހަކައެވެ. ނަރަކައިގެ ހޫނުގަދަ އަލިފާނުގެ ވާހަކައެވެ. ނަރަކަ އުފައްދަވައި ފުރަތަމަ 1000 އަހަރު އަލިފާންގަނޑު އެންދެވުމުން ހުދުކުލައަށް އަލިފާންގަނޑު ބަދަލުވެގެންދިއަ ނަރަކައިގެ ވާހަކައެވެ. އެއަށްފަހު އިތުރު 1000 އަހަރު އަލިފާންގަނޑު އެންދެވުމުން ރަތްކުލައަށް އަލިފާންގަނޑު ބަދަލުވެގެންދިއަ ނަރަކައިގެ ވާހަކައެވެ. އެއަށްފަހު އިތުރު 1000 އަހަރު އަލިފާންގަނޑު އެންދެވުމުން ކަޅުކަންގަދަ ކަޅުކުލައަށް އަލިފާންގަނޑު ބަދަލުވެގެންދިއަ ނަރަކައިގެ ވާހަކައެވެ.
ނަރަކައިގެ އަލިފާނުގެ ކަޅުކަން ގަދަ މިންވަރު އެނގޭހެއްޔެވެ؟ ނަރަކައަށް ތިބާގެ އަތް ލެވުނު ނަމަ ތިބާއަށް ތިބާގެ އަތްވެސް ނުފެންނާނެއެވެ! އެހައިވެސް ނަރަކައިގެ އަލިފާންގަނޑުގެ ކަޅުކަން ގަދައެވެ.
ދުނިޔޭގައި މިފެންނަ އަލިފާނަށް އެއްޗެތި އުކުމުން ބާރުކެނޑި ނިވިގެންދެއެވެ. ނަމަވެސް ނަރަކައިގެ ޙަޤީޤަތް މުޅިން ތަފާތެވެ! ނަރަކައަށް ބައިބައަށް މީސްތަކުން އުކައިލެވޭވަރަކަށް ނަރަކަ ގޮވާނެއެވެ! "އިތުރު މީހަކު ނެތް ހެއްޔެވެ؟" ނަރަކައިގެ އަލިފާންގަނޑު ދާނީ އިތުރަށް ބޮޑުވެ ހުޅުގަނޑުބޮޑުވަމުންނެވެ. ހޫނުގަދަވަމުންނެވެ.
މީސްތަކުންނޭވެ! އެނަރަކައަށް ވަންނަންޖެހިދާނެކަމަށް އެބަ ބިރުވެތިވެވޭ ހެއްޔެވެ؟ ޖަވާބުގައި އާނއެކެވެ. ބުނެލުމަކުން ނުފުދޭނެއެވެ. އެކަން ދައްކަންޖެހޭނީ ޢަމަލުތަކުންނެވެ. ﷲ ތަޢާލާއަށް ކިޔަމްންތެރިކަން އަދާކުރުމުންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން